16 Dec 2015, 15:53
މިނިވަން 50 ޗެމްޕިއަންޝިޕުގެ ޒޯން ހަތަރެއްގެ ޗެމްޕިއަން ކަން ތޮއްޑޫ ފުޓްބޯލް ކްލަބް (ތޮއްޑޫ އެފްސީ) ހޯދައިފިއެވެ.
ލީގު އުސޫލުން ކުޅުނު އެ މުބާރާތުގެ އ. އަތޮޅުގެ ޗެމްޕިއަންކަން ތޮއްޑޫ އިން ހޯދީ ދެވަނަ ބުރުގެ ފަހު މެޗް ކ. އަތޮޅުގެ ޗެމްޕިއަން ގުރައިދޫ 1-2 ން ބަލިކޮށްގެނެވެ.
އިއްޔެ ހަވީރު ތޮއްޑޫ ފުޓްބޯޅަ ދަނޑުގައި ގުރައިދޫއާ ބައްދަލުކުރި މެޗްގައި ފުރަތަމަ ލަނޑު ކާމިޔާބުކުރީ ތޮއްޑޫ ޓީމްގެ އަހުމަދު ޒައިދު އެވެ. ތޮއްޑޫ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން އަބްދުﷲ ޖާވިދު އެވެ.
ތޮއްޑޫ އިން ދެ ލަނޑާި އެކު މެޗުގައި ލީޑު ކުރަމުން ދަނިކޮށް ދެވަނަ ހާފްގައި ގުރައިދޫ އިން ވަނީ ގޯލެއް ޖަހާ ފަރަގު ކުޑަކުރި އެވެ.

މިނިވަން 50 ޗެމްޕިއަންޝިޕްގައި ތޮއްޑޫ ޓީމް ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ:އެޗްއެފްޓީ
ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން މުހައްމަދު ނިޒާމް ގެ ކޯޗުކަމުގެ ދަށުން މުބާރާތުގައި ވާދަކުރި ތޮއްޑޫ އެއް ވަނަ ކަށަވަރުކުރީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ މަގާމް ފަސް ޕޮއިންޓާއި އެކު ލިބިފައިވަނީ އދ. އަތޮޅުގެ ޗެމްޕިއަން މާމިގިލިއަށްށެވެ. ގުރައިދޫ ތިން ވަނާގައި އޮތީ ހަތަރު ޕޮއިންޓާއި އެކީގައެވެ.
ޗެމްޕިއަންކަން ހޯދުމާ އެކު ތޮއްޑޫ ވަނީ މިނިވަން 50 ޗެމްޕިއަންޝިޕަށް ކޮލިފައިވެފައެވެ. އަންނަ އަހަރުގެ ޖެނުއަރީ 10 އެއްގައި އެ މުބާރާތް އޮންނާނީ އައްޑޫ ސިޓީއާއި ހދ. ކުޅުދުއްފުށީގައެވެ.
ޗެމްޕިއަން ޓީމަކަށް 1،50،000 ރުފިޔާ ލިބޭ އިރު ރަނަރަޕް ޓީމަކަށް 75،000 ރުފިޔާ ލިބޭނެއެވެ. އެ މުބާރާތަށް އެއް ޒޯން ފިޔަވާ ދެން ހުރި ޒޯންތަކަށް ވަނީ ޗެމްޕިއަންކަށް ކަށަވަރުވެފަ އެވެ.

މިނިވަން 50 ޗެމްޕިއަންޝިޕްގައި ވާދަކުރި ތޮއްޑޫ ޓީމްގެ ކޯޗް ކުރީގެ ގައުމީ ކެޕްޓަން ނިޒާމް އިރުޝާދު ދެނީ --- ފޮޓޯ:އެޗްއެފްޓީ
އެ މުބާރާތުގެ ފުރަތަމަ ހަތަރު ޒޯންގެ ޗެމްޕިއަނުންނާއި ތިން ވަނަ ޑިވިޝަނުގެ ޗެމްޕިއަނުން ގެ ކުޅުން ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ އިރު އެނެއް ހަތަރު ޒޯންގެ ޗެމްޕިއަނުންނާއި ތިންވަނަ ޑިވިޝަންގެ ރަނަރަޕްގެ ކުޅުން ކުރިއަށް ދާނީ އައްޑޫ ސިޓީގައެވެ.
ޒޯން މުބާރާތުގެ ޗެމްޕިއަން ޓީމްތަށް
ޒޯން 1: ހދ. ނޮޅިވަރަމް
- ޒޯން 2: ށ. ފޯކައިދޫ
- ޒޯން 3: (ކުޅުން ކުރިއަށް ދަނީ)
- ޒޯން 4: އއ. ތޮއްޑޫ
- ޒޯން 5: ވ ކެޔޮދޫ
- ޒޯން 6: ލ. ގަން
- ޒޯން 7: ގދ. ފަރެސް މާތޮޑާ
- ޒޯން 8: ސ. ފޭދޫ
- ޒޯން 9: މާލެ (ތިން ވަނަ ޑިވިޝަން ޗެމްޕިއަން، ރަނަރަޕް)
މިނިވަން 50 ޗެމަޕިއަންޝިޕުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުން ޖާގަ ލިބޭނެ އެވެ.