ސަންގު ޓީވީ އިން "ސިހުރުފަންޑިތަ"ގެ ނަމުގައި ގެނެސްދޭ ޕްރޮގްރާމް، ހުއްޓާލަން އިސްލާމިކް މިނިސްޓްރީ އިން އެ ސްޓޭޝަނަށް އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ސަންގު ޓީވީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ޓީވީ އިން ގެނެސްދޭ "ސިހުރު ފަންޑިތަ" ޕްރޮގްރާމަކީ، އެ ޕްރޮގްރާމްގައި ހިމެނޭ މައުލޫމާތާއި ބެކްގްރައުންޑް މަންޒަރުތަކުން މުޖުތަމައުގެ އެއްބައިވަންތަކަމާއި ދީނީ ވަހުދަތަށް އަސަރުކުރާ ފަދަ ގޮތަކަށް ގެނެސްދޭ ޕްރޮގްރާމެއް ކަމަށެވެ.

ސަންގު ޓީވީގެ ސީއީއޯ އިބްރާހިމް އަސްވާޑް މިއަދު ސަން އަށް ވިދާޅުވީ، އެ ޓީވީ އިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "ސިހުރު ފަންޑިތަ" ޕްރޮގްރާމަކީ އިސްލާމްދީން ކުރިއަރުވައި ދީނީ އެއްބައިވަންތަކަން ދަމަހައްޓައި، ނަގަހައްޓަން ގެނެސްދޭ ޕްރޮގްރާމެއް ކަމަށެވެ.

"މި ޕްރޮގްރާމަކީ ސިހުރުހެދުމާއި ފަންޑިތަ ހެދުމަށް ދުރުހެލިވުމަށް ޓަކައި މީހުން ކުރަންވީ ކަންކަން ބުނެދޭން ގެނެސްދޭ ޕްރޮގްރާމެއް. އަދި ސިހުރު ޖެހިފައި ތިބޭ މީހުން ދެން ކުރިއަށް އަމަލު ކުރަންވީ ކިހިނެއްތޯ ބުނެދޭން މި އޮންނަ ރުގްޔާ ކުރާނެ ގޮތް ގެނެސްދޭ ޕްރޮގްރާމެއް،" އަސްވާޑު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ވުޖޫދުގައި އޮއްވައި ދިވެހި ސަރުކާރުން ޓީވީތަކަށް އަމާޒުކޮށް އެފަދަ ގޮތަކަށް ގޮތް ކިޔުމަކީ ޑިމޮކްރަސީގައި ލިބިދޭ ހަތަރު ވަނަ ބާރު ވުޖޫދުގައި އޮތުމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

"މި ޕްރޮގްރާމްގެ ނުވަތަ ޓީވީގެ އެއްވެސް މައްސަލައެއް އޮތް ކަމަށްވާ ނަމަ އަޅުގަނޑުމެން ގަބޫލު ކުރަނީ އެ މައްސަލައެއް ހުށައަޅަންވީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ ބްރޯޑްކާސްޓިންގް ކޮމިޝަނަށޭ. ހުށައެޅީމަ އެތަނުގެ ތިއްބަވާ ބޭފުޅުން ބައްލަވަން ޖެހޭ ބެއްލެވުންތައް ބައްލަވާފައި އަޅުގަނޑުމެންނާ ވެސް ކުރަން ޖެހޭ ސުވާލެއް ކޮށް މައްސަލަ ރަނގަޅަށް ބެއްލެވުމަށް ފަހު ގޮތް ތަކެއް ނިންމާށޭ،" އަސްވާޑު ވިދާޅުވި އެވެ.

އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ "ސިހުރު ފަންޑިތަ" ޕްރޮގްރާމް ގެނެސްދެއްވަނީ ޝައިހު ޝުއައިބު އަބްދުއް ރަހުމާނެވެ.