ހދ. މަކުނުދޫގައި ހުންނަ ދުވަސްވީ ބިޔަ ނިކަ ގަހުގައި އެ ރަށު މީހުން އަލިފާން ރޯކޮށް ބޮޑެތި ގެއްލުންތައް ދެމުން ދަނިކޮށް އެ ގަސް ވެޓިއްޖެ އެވެ. ނިކަގަސް ވެއްޓިފައި ވަނީ ރައްޔިތުންގެ ތެރެއިން ބަޔަކު ގަހާ ބެހޭ ގޮތުން ކުރާ ޝަކުވާތައް ގިނަވެ ގަސް ކަނޑާލުމުގެ ހުއްދައަށް ވެސް ރަށު ކައުންސިލުން އެދިފައި ވަނިކޮށެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިލްވާން މިއަދު ވިދާޅުވީ އެ ރަށުގެ މެދުގައި ހުރި 300 އަހަރަށް ވުރެ ވެސް ގިނަ ދުވަސްވެފައިވާ 100 ފޫޓް އުސް ނިކަ ގަސް ވެއްޓިފައި ވަނީ އިއްޔެ ރޭގެ ވަގުތެއްގައި ކަމަށެވެ.

ނިކަގަސް ހުންނަ ސަރަހައްދުގައި ދިރިއުޅޭ މީހަކު މިއަދު ބުނީ ގަސް ވެއްޓުނީ އިއްޔެ ރޭ ވެސް އެގަހުގައި ރަށުގެ ބަޔަކު ރޯކޮށްލާފައި ވަނިކޮށް ކަމަށެވެ.

މަކުނުދޫ ގައި ހުރި އެންމެ ބޮޑު ގަހުގައި ތަފާތު ތިން ފަހަރެއްގެ މަތިން އެ ރަށުގެ ބަޔަކު ހުޅު ޖަހާ އެ ގަހަށް ވަނީ ގެއްލުންތަކެއް ދީފަ އެވެ. އަދި އެންމެ ފަހުން އެ ގަހުގައި އަލިފާން ރޯކޮށްލާފައި ވަނީ މިދިޔަ ހަފުތާ ތެރޭގަ އެވެ.

ކައުންސިލަރު ވިދާޅުވީ ތާރީހީ، ނިގަސް ވެއްޓިފައިވާތޯ އެ މަޢުލޫމާތު އެންވަޔަންރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް މިއަދު ދޭނެ ކަމަށެވެ.

މަކުނުދޫގެ މަލަމަތި ފަޅުފިލައިދޭ އަދި އެ ރަށުގެ ލޭންޑްމާކެއް ކަމަށް ބެލެވިފައިވާ ނިކަގަހަށް އެ ރަށު މީހުން ގެއްލުން ދެނީ އެ ގަހުގެ ސަބަބުން ވަށައިގެން ހުންނަ އިމާރާތްތަކުގައި ރެނދުލައި އެ ތަންތަނަށް ބޮޑެތި ގެއްލުންތައް ލިބޭތީ ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ވެސް މަކުނުދޫގެ ރައްޔިތުން ވަނީ އެ ރަށުގެ ކުދިން ޖިންނި މޮޔަވާ ކަމަށް ބުނެ އެރަށުގެ އެހެން ނިކަގަހެއް ކަނޑައިލާފަ އެވެ.