19:00


ތިމާވެށީގެ ރޮނގުން ދުނިޔޭގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ "ޔޫ.އެން. ޗެމްޕިއަންސް އޮފް ދި އާރތް އެވޯޑް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އަރުވައިފި އެވެ.


ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ރާއްޖޭ ގަޑިން މިއަދު މެންދުރުފަހު އޮތް ރަސްމިއްޔާތެއްގައި، އެ އެވޯޑު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ، ޔުނެޕްގެ އެގްޒެކެޓިވް ޑިރެކްޓަރ އާކިމް ސްޓައިނާރ ކަމަށް ރައީސް އޮފީހުން ބުންޏެވެ.


"ޔޫ.އެން. ޗެމްޕިއަންސް އޮފް ދި އާރތް އެވޯޑް" އަކީ، ދުނިޔޭގެ ސަލާމަތަށް، އެބޭފުޅުންގެ ދުރުވިސްނެވުމާއެކު، ދެމެހެއްޓެނިވި ގޮތުގައި ދުނިޔޭގެ ވަސީލަތްތައް ބޭނުންކުރެއްވުމާއި، ތިމާވެށްޓާ ރަޙްމަތްތެރި ގޮތުގައި ތަރައްޤީ ޙާޞިލު ކުރުމަށް ކެނޑިނޭޅި މަސައްކަތްޕުޅު ކުރެއްވުމުގައި ދުނިޔެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކަށް، އެބޭފުޅުންގެ މަސައްކަތްޕުޅުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން އ.ދ.އިން ދޭ އެވޯޑެކެވެ. ރައީސް ނަޝީދަށް މިއެވޯޑު ލިބިވަޑައިގަތީ، ޕޮލިސީ އަދި ލީޑަރޝިޕްގެ ދާއިރާއިންނެވެ. މިއެވޯޑު މިއަހަރު ދެވުނު އެހެން ދާއިރާތަކަކީ، އޮންޓްރޮޕްރިނީރިއަލް ވިޜަންއާއި، ސައެންސް އެންޑް އިނޮވޭޝަނާއި އަދި އިންސްޕިރޭޝަން އެންޑް އެކްޝަނުންނެވެ.


އެވޯޑާ ޙަވާލުވެވަޑައިގަތުމަށްފަހު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއެވޯޑް ލިބިވަޑައިގެންނެވުމުން ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށާއި، އެމަނިކުފާނު މި އެވޯޑާ ޙަވާލުވެވަޑައިގަތީ، ހުރިހާ ދިވެހި ރައްޔިތުންގެ ފަރާތުން ކަމުގައި ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާއަށް މި އެވޯޑު ލިބިވަޑައިގަތުމުން ދައްކައިދެނީ، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އަދި އެކަމުން ރާޢްޖެއަށް ކުރަމުންދާ އަސަރުތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނައުމަށް ރާއްޖެއިން ކުރާ މަސައްކަތާއި، ވަކިން ޚާއްސަކޮށް، މިދިޔަ ޑިސެމްބަރު މަހު ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ މޫސުމާބެހޭ ކޮންފަރެންސްގައި، ރައީސުލްޖުމްހޫރިއްޔާ އަދާކުރެއްވި މުހިންމު ދައުރު ބައިނަލްއަޤްވާމީ މުޖްތަމަޢުން ބަލައިގަންނަކަން ކަމުގައި ރައީސް އޮފީހުން ބުންޏެވެ.


އ.ދ.އިން މިއެވޯޑު ރައީސުލްޖުމްހޫރިއްޔާ އެރުވުމުގެ މުހިންމު ސަބަބުތަކުގެ ތެރޭގައި ކޯޕަންހޭގަންގަޔާއި، މިދިޔަ އަހަރު އ.ދ.ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅުތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށާއި، މިމައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް، ރާއްޖޭގައި އޮކްޓޯބަރު މަހު ބޭއްވެވި ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުމުގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔެއިން ދީފައިވާ ސަމާލުކަން ހިމެނެ އެވެ. އަދި ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ތަޞައްވުރުވެސް މިއެވޯޑު ރައީސުލްޖުމްހޫރިއްޔާ ލިބިވަޑައިގަތުމުގެ މުހިންމު ސަބަބުތަކުގެ ތެރޭގައި ހިމެނޭކަން އ.ދ.އިން ހާމަކުރާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މީގެކުރިންވަނީ ސްވިޑްންގައި ދެވޭ އެންމެ ޝަރަފްވެރި އެއް އިނާމު ކަމުގައިވާ އަނާ ލިންދު އެވޯޑް މިދިޔަ އަހަރު ލިބިވަޑައިގެންފައެވެ. އަދި މިދިޔަ އަހަރު ޓައިމް މެގަޒިންއިން "ހީރޯޒް އޮފް ދި އެންވަޔަރަންމަންޓް"ގެ ގޮތުގައި ހޮވި ބޭފުޅުންގެ ތެރޭގައިވެސް އެމަނިކުފާނު ވަނީ ހިމެނިވަޑައިގެންފައެވެ.