ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުން ލަސްވަމުން ދަނީ ލިޔުންތައް ތައްޔާރު ކުރަން ލިބޭ ވަގުތު ކުޑަވުމުން ކަމަށްވާތީ ނަޝީދާ ބައްދަލުކުރަން ލިބޭ ވަގުތު އިތުރުކޮށްދިނުމަށް އެދިފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ނަޝީދާ އެކު މިއަދު މާފުށީ ޖަލުގައި ކުރިއަށް ދިޔަ ބައްދަލުވުމަށް ފަހު އެނބުރި މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނުގެ ގާނޫނީ ވަކީލް ހަސަން ލަތީފު ވިދާޅުވީ ނަޝީދާ ބައްދަަލުކޮށް ވާހަކަދެއްކުމަށް ލިބެނީ ދެ ގަޑި އިރު ކަމަށެވެ.

އާންމު އުސޫލެއްގެ ގޮތުން ގައިދީންނާ ބައްދަލުކުރުމަށް ލިބެނީ ހަފްތާއަކު ދެ ގަޑިއިރެވެ. ނަމަވެސް އަވަސް ގޮތެއްގައި ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ބޭނުންވާ ކަމަށް ވަކީލުން ވިދާޅުވުމުން ސަރުކާރުން ވަނީ މިދިޔަ ހޯމަ ދުވަހާއި މިއަދު ވެސް ދެ ގަޑިއިރަށް ނަޝީދާ ބައްދަލު ކުރުމުގެ ފުރުސަތު ވަކީލުންނަށް ދީފަ އެވެ.

"އަޅުގަނޑުމެން އެޕްރިޝިއޭޓް ކުރަން އަޅުގަނޑުމެން އަވަހަށް މައްސަލަ ހުށަހަޅަން ބޭނުން ކަމުގައި ސަރުކާރުގައި ދެންނެވީމާ މިދިޔަ ހޯމަ ދުވަހާއި މިއަދު ދެއްވައިފި ހަމަ ދެ ގަޑިއިރު،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ދެ ގަޑިއިރު މަދު ކަމަށާއި، ނަޝީދާ އެކު "ހަތަރު ފަސް ގަޑިއިިރު" މަސައްކަތް ކުރެވޭނެ ފުރުސަތު ބޭނުންވާ ކަމަށެވެ.

އޭގެ އިތުރުން ބައްދަލުވުންތަކުގައި އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އޭރުން މި މައްސަލަ އަވަހަށް ނިމޭނީ. މި ދެންނެވީ މޭޒެއް ކައިރީ އަޅުގަނޑުމެން މަސައްކަތް ކުރަން ބޭނުންކުރާ އެއްޗެއްސާ ވެސް އެކީގައި ލެޕްޓޮޕް ވެސް ބޭނުންކޮށްގެން ވަގުތުން ވަގުތަށް ރައީސް ނަޝީދު ވެސް ބޭނުންވާ މައުލޫމާތާ ދެއްވާ ހިޔާލުތައް ޑޮކިއުމެންޓަށް ލައިގެން ނިންމާލެވުނީމަ އަވަސް ވާނީ،" އޭނާ ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ ޝަކުވާ ނުކުރާ ކަމަށާއި ނަމަވެސް މައްސަލަ އަވަހަށް ނިންމަން ބޭނުންވާތީ، ސަރުކާރަށް ފަހިކޮށްދެވޭނެ ފުރުސަތުތަކަކަށް ވާތީ ދަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދައްކަނީ 800 ޞަފްހާގެ ޑޮކިއުމެންޓެއްގެ ވާހަކަ. އޭގެ ތެރޭގައި 53 އެޓޭޗްމަންޓް ހިމެނޭ ގޮތުން އިނގޭތޯ. އެހެންވީމާ މިހާ ބޮޑު މަސައްކަތެއް ކުރާ އިރު މުވައްކިލާ އެކު ދެ ގަޑި އިރު ލިބުނީމަ މާ މަދުވަނީ،" ލަތީފް ވިދާޅުވި އެވެ.

ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ޢައިޝަތު ބިޝާމް އާވެސް ބައްދަލުކޮށް، މައްސަލަ ވީހާ ވެސް އަވަހަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުގައި އެކަމަނާއަށް ފަހިކޮށްދެވޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެދިފަ އެވެ.

މާދަމާ ނަޝީދާ ބައްދަލުކުރުމުގެ ފުރުސަތަކަށް އެދިފައިވާ ކަމަށާއި މާދަމާ ވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަކީލުން ވިދާޅުވި އެވެ.