ޕިޔޮންޔަންގް (ޑިސެމްބަރ 16): ކެނެޑާގެ ކްރިސްޓިއަން ފާދިރީއެއް ކަމަށްވާ ހުޔުން ސޫ ލިމް އުމުރަށް ޖަލަށް ލުމަށް ނޯތްކޮރެއާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ލިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރީ އެމެރިކާ އާއި ސައުތްކޮރެއާ އާ ގުޅިގެން ނޯތްކޮރެއާއާ ދެކޮޅަށް ކުށްކުރުމާއި، ސައްހަނޫން ޕްރޮޕަގަންޑާތައް ފެތުރުމުގެ ކުށުގައި އެވެ.

ލިމް އަކީ 1986 ވަނަ އަހަރު ސައުތްކޮރެއާ ދޫކޮށް ދިޔުމަށް ފަހު ކެނެޑާގައި ވަޒަންވެރިވެފައިވާ ޓޮރޮންޓޯގެ ރައްޔިތެކެވެ.

ނޯތްކޮރެއާގެ ވެރިރަށް ޕިޔޮންޔަންގްގައި ލިމް ހައްޔަރުކުރީ އިންސާނިއްޔަތާ ބެހޭ މަސައްކަތް ކުރުމަށް ޓަކައި އެގައުމަށް ކުރި ދަތުރެއްގައި މިއަހަރުގެ ފެބްރުއަރީ މަހު އެވެ. އޭނާގެ އާއިލާ އިން ބުނާ ގޮތުގައި ލިމް ވަނީ މީގެ ކުރިން 100 އަށް ވުރެ ގިނަ ފަހަރު ނޯތްކޮރެއާއަށް ޒިޔާރަތްކޮށްފަ އެވެ.

ޖުލައި މަހު ނޯތްކޮރެއާ އިން އިންތިޒާމްކޮށްގެން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ލިމް ބައިވެރިވި އެވެ. އަދި ނޯތްކޮރެއާގެ ސަރުކާރު ވައްޓާލުމަށް ރޭވި ކަމަށް އިއުތިރާފްވި އެވެ. ނަމަވެސް، ނޯތްކޮރެއާ އިން ކުރިން ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައިވާ ބޭރު ގައުމުތަކުގެ ގިނަ "ކުށްވެރިން" ބުނެފައިވާ ގޮތުގައި އެފަދަ ބަޔާންތައް ދެނީ ނޯތްކޮރެއާގެ ސަރުކާރުން މަޖުބޫރު ކުރުމުންނެވެ.

އެއްވެސް ދީނަކަށް އަމަލު ކުރުމާއި ދީންތަކާ ބެހޭ މައުލޫމާތު ފެތުރުމަކީ ނޯތްކޮރެއާގައި މަނާކަމެކެވެ.

މައުލޫމާތު: ބީބީސީ