16 Dec 2015, 12:31
އައްޑޫ ސިޓީގެ ހުޅުމީދޫގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ ދެކުނު ގޮތްޕަށް ހަމަޖައްސާފައިވާ ފަނޑިޔާރުން ތިއްބަވާ ގެތަކުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ހައި ކޯޓުގެ ދެކުނު ގޮފީގައި ތިއްބަވާނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިއްޔެ އިއުލާން ކޮށްފައި ވަނީ އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫ އިން ކުއްޔަށް ހިފާފައިވާ ތިން ގޭގެސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެންނެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިއުލާނުގައިވާ ގޮތުން ސެކިއުރިޓީ ބަލަހައްޓަން ތިބެން ޖެހޭނީ ދިވެހީންނެވެ. އަދި ފަނޑިޔާރުން ތިއްބަވާ ތިން ގެއާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓަން ޖެހޭނީ 24 ގަޑިއިރަށް، ހަފްތާއަކު ހަތް ދުވަހު، ކަނޑައެޅިފައިވާ ތާވަލަކަށް ފޯރިމަރާ މީހުން ބައިތިއްބައިގެން ކަމަށް ވަނީ ބުނެފައެވެ.
މަސައްކަތުގެ މައުލޫމާތު ޝީޓު އެ ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ 11:00 ގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކޮންފަރެންސް ހޯލުގައި ކަމަށާއި ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ޙާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.
ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކުޅުދުއްފުށީގައި ގާއިމުކުރަން ޖެހޭ ކަމަށް ގާނޫނުގައި ބުނާ ހައި ކޯޓުގެ އުތުރު ގޮފި މިހާތަނަށް ގާއިމްކޮށްފައެއް ނުވެ އެވެ. އަދި އެގޮތްޕަށް ފަނޑިޔާރުން ވެސް ހަމަޖައްސާފައެއް ނުވެ އެވެ. އެކަމުގެ ސަބަބުން ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. ނ. ރ. އަދި ބ. އަތޮޅުގެ ރައްޔިތުން ވަނީ އިސްތިއުނާފު ކުރުމުގެ ހައްގުން މަހުރޫމްވެފަ އެވެ.