17 Dec 2015, 15:43
އެޕަލް ކުންފުނިން އެޑްވާންސް ޓެކްނޮލޮޖީ ޑިސްޕްލޭ ކަމަށްވާ އޯގެނިކް ލައިޓް އެމިޓިން ޑަޔޯޑް (އޯލެޑް) ޑިސްޕްލޭ އުފެއްދުމުގެ މަސައްކަތް ކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެޕަލް ކުންފުނީގެ އައިފޯން ސީރީޒްތަކުގައި މިހާރު ބޭނުން ކުރަމުން އަންނަނީ އެލްއީޑީ ބެކްލިޓް އައިޕީއެސް އެލްސީޑީ ޑިސްޕްލޭތަކެވެ. ނަމަވެސް އެފޯނުތަކުގެ ޑިސްޕްލޭ އޯލެޑް އަށް ބަދަލު ކުރުމުން ގިނަ ފައިދާތަކެއް ލިބޭނެ އެވެ. އެގޮތުން ކޮލިޓީ ރަނގަޅު މަންޒަރުތައް އުފައްދައިދިނުމާއި ސްކްރީންގެ ކަޅު ކުލަ އެންމެ އަނދިރިކޮށް އޯލެޑް ޑިސްޕްލޭތަކުން ދައްކައިދޭނެ އެވެ.
އޯލެޑް ޑިސްޕްލޭ ބޭނުން ކުރަން ފެށުމާ އެކު އެޕަަލްގެ ޕްރޮޑަކްޓްތައް އިތުރަށް ތުނިވެ ލުއި ވެގެންދާނެ އެވެ. ނަމަވެސް އޯލެޑް ޑިސްޕްލޭ އަކީ އެލްސީޑީ ޑިސްޕްލޭ އަށް ވުރެ އަގުބޮޑު ޑިސްޕްލޭއެކެވެ. އެހެން ކަމުން އައިފޯންތަކާއި އައިޕެޑްތައް އަގުބޮޑު ވުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ.
އެޕަލް އިން އޯލެޑް ޑިސްޕްލޭ އުފައްދާ ކަމަށް ހަބަރު ފެތުރު ކަމުގައި ވިޔަސް އޯލެޑް އައިފޯންތަކުގެ ޑިސްޕްލޭއަށް ބޭނުން ކުރުމާ ބެހޭ ގޮތުން އެއްވެސް ކަމެއް ޔަގީނެއް ނުވާ ކަމަށް ހަބަރުތަކުން ވަނީ ބުނެފަ އެވެ. އެޕަލް އިން އެއްވެސް ކަމެއް ކަށަވަރު ކޮށްފައެއް ނުވެ އެވެ.
އެޕަލް އިން ވަނީ އެޑްވާންސް ޑިސްޕްލޭ ޓެކްނޮލޮޖީ އުފެއްދުމަށް އުތުރު ޓައިވާނުގައި ލެބޯރަޓަރީއެއް ހުޅުވާފައި ކަމަށް "ބްލޫމްބާގް" އިން ވަނީ ބުނެފައެވެ. އެގޮތުން އެތަނުގައި މަސައްކަތް ކުރުމަށް 50 އިންޖިނައަރުން ހޯދާފައިވާ ކަމަށް ވެސް ބްލޫމްބާގް އިން ވަނީ ބުނެފައެވެ.
ބޮޑެތި ޓެކްނޮލޮޖީ މީޑިއާތަކުގައި އެގޮތަށް ވާހަކަ ދެކެވުނު ކަމުގައި ވިނަމަވެސް އެޕަލް އިން އެއިން އެއްވެސް ކަމަކަށް ދެކޮޅު ހަދާފައެއް ނުވަތަ އެއްބަސްވެފައެއް ވެސް ނުވެ އެވެ.