16 Dec 2015, 11:52
ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މަގާމުން ވަކިކޮށް، އެ މިނިސްޓްރީގެ ބައެއް ސެކްޝަނުތައް އުވާލަން ރައީސް އޮފީހުން އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކު މިއަދު "ސަން" އަށް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
އޭނާ ބުނީ އެ މިނިސްޓްރީގައި މަސައްކަތް ކުރާ 70 ވަރަކަށް މުވައްޒަފުން ވަޒީފާ އިން ވަކި ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި ބުނީ އޭގެ ތެރޭގައި ބައެއް ސެކްޝަނުތައް އުވާލަން ނިންމާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ މުހިންމު ސެކްޝަނެއްގައި މަސައްކަތް ކުރަމުން އަންނަ އެ މުވައްޒަފު ބުނީ އެއްކޮށް އުވާލުމަށް ނިންމާފައިވާ ސެކްޝަނުގެ ތެރޭގައި ކޮންމެ އަހަރެއްގައި ވެސް ދައުލަތުގެ ބަޖެޓު ހަދަމުން އަންނަ ބަޖެޓު ސެކްޝަނާއި ޑެޓް ސެކްޝަން އުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ބުނީ އައިޓީ ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާ ކުޑަ ކުރާ މުވައްޒަފުން ވަކި ކުރަން އަންގާފައިވާ އިރު ކޮންމެ ޑިވިޝަނަކުން ދެ މުވައްޒަފުން ވަކި ކުރުމަށް އަންގާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންތަކެއް ވަކިކޮށް ބައެއް ސެކްޝަނުތައް އުވާލަން ރައީސް އޮފީހުން އަންގާފައިވާ އިރު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާިއ ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒް އަލީ ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާ ގުޅޭ ރަސްމީ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.