11 Apr 2011, 10:43
ޑޮލަރު ވިއްކާ ރަސްމީ ރޭޓް 10.28ރ. އާއި 15.42 ކަނޑައަޅައި ޕެގް ކުރި ފުރަތަމަ ދުވަހު ވެސް ސަރުކާރާއި ރައްޔިތުން ބައިވެރިވާ ބޭންކް، ބޭންކް އޮފް މޯލްޑިވްސް [ބީއެމްއެލް] އިން ޑޮލަރު ވިއްކާ އަގަކީ 15.42ރ. ކަމަށް ކަނޑައަޅައި ޑޮލަރު ވިއްކަން ފަށައިފި އެވެ.
އިއްޔެ އިރުއޮއްސެމުން ދަނިކޮށް ސަރުކާރުން ވަނީ މަތިވެގެން 15.42ރ. އަށް އަދި ދަށްވެގެން 10.28ރ. އާ ދެމެދުގެ ކޮންމެ އަގެއްގައި ޑޮލަރު ވިއްކުމަށް އާންމުކޮށް ހުޅުވާލާފަ އެވެ.
ބީއެމްއެލްގެ މިއަދުގެ އެކްސްޗޭންޖް ރޭޓް ދައްކާ ގޮތުން ޑޮލަރެއް ވިއްކަނީ 15.42 އަށެވެ. ވިއްކާ އަގު ބޮޑުކުރި ނަމަވެސް ކޮންމެ މީހަކަށް ވެސް ބޭންކުން ދޫކުރަމުން އަންނަނީ 100 ޑޮލަރު ކަމަށް ވެސް ބެންކުގެ އޮފިޝަލަކު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދުގެ އެހެން ވަގުތުތަކުގައި ޑޯލަރުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެކްސްޖޭންޖް ރޭޓަށް ސަރުކާރުން ގެނައި ބަދަލާ އެކު ރާއްޖޭގައި ހުރި އެހެން ބޭންކުންތަކުން ޑޮލަރު ވިއްކާ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ޑޮލަރެއް ވިއްކަނީ 15.14ރ. އަށެވެ. އަދި އެޗްއެސްބީސީގައި ޑޮލަރެއް ވިއްކަނީ 15.40ރ. އަށެވެ. އެ ބޭންކުތަކުން ބުނީ ޑޮލަރު އަގު އެއަށް ވުރެ ދަށްވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
ހަބީބް ބޭންކުން ބުނީ ޑޮލަރު ވިއްކާނެ އަގެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި އެކަމާ އެމްއެމްއޭ އާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ ބެންކްތަކުގައި ޑޮލަރު ވިއްކަމުން އަންނާނީ މާކެޓް ފޯސަސްއިން ކަނޑައަޅާ ގޮތެއްގެ މައްޗަށް ކަމަށާއި އެކަމަށް އެމްއެމްއޭ އިން ނުބެހޭނެ ކަމަށެވެ.