އައްޑޫ ސިޓީގެ ހުޅުމީދޫގައި ގާއިމުކޮށްފައި ހުރި ހައި ކޯޓް ދެކުނު ގޮފީގެ މަސައްކަތްތައް މިއަދު ފަށައިފި އެވެ.

ދެކުނު ގޮފީގެ މަސައްކަތްތައް މިއަދު ފަށާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހައި ކޯޓުގެ ދެކުނު ގޮފީގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައެޅުމާއި ގުޅިގެންނެވެ.

އެގޮތުން މިހާތަނަށް ލިބިފައިވާ މައްސަލަތައް ބަލައިގަތުމާ ގުޅޭ ގޮތުންނާއި އެ މައްސަލަތައް ރަޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން ކުރަން ޖެހޭ އިދާރީ އަދި ގާނޫނީ މަސައްކަތް ވަނީ ފަށައިފަ އެވެ.

ހައިކޯޓުގެ އެ ގޮތްޕަކީ އަލަށް ގާއިމްކުރި ތަނަކަށްވާތީ، އަދި މިހާތަނަށް ފުރިހަމަވެފައި ނުވާ ކަންތައްތަކެއް ހުރި ނަމަވެސް އާންމު ރައްޔިތުންނަށް ދޭން ޖެހޭ ހުރިހާ ޚިދުމަތްތަކެއް މިއަދުން ފެށިގެން ލިބެމުންދާނެ ކަމަށް ހައި ކޯޓުން ބުނެ އެވެ.

ހައި ކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ފެށިފައިވާ އިރު ސުޕްރީމް ކޯޓުން ވަނީ އެ ގޮފީގެ އިސް ފަނޑިޔާރަކަށް، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ކަނޑައަޅާފަ އެވެ.

ފަނޑިޔާރު ޣަނީގެ އިތުރުން ހައި ކޯޓުގެ ދެކުނު ގޮފީގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ހައި ކޯޓުގެ ދެކުނު ގޮފިން ބަލާނީ އައްޑޫ ސިޓީ އާއި ގދ. އަދި ފުވައްމުލަކުގައި ހުންނަ ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓުރައިބިއުނަލްތަކުން ނިންމާ މައްސަލަތަކެވެ.