16 Dec 2015, 12:03
ފީފާގައި ރަޖިސްޓްރީ ކުރެވިފައިވާ އެއްވެސް ކުޅުންތެރިއަކު ކުވެއިތުގައި ނުކުޅުމަށް ފީފާއިން އަންގައިފި އެވެ.
ފީފާއިން އެ ގޮތަށް އެންގީ ކުވައިތުގައި ދުނިޔޭގެ ތަރިންގެ މައްޗަށް އެކުލެވޭ ޓީމަކާއި ކުވެއިތުން ހޮވާލެވޭ ޓީމެއް އަންނަ ހުކުރު ދުވަހު މެޗެއް ކުޅުމަށް ތައްޔާރުވެ މަޝްހޫރު ގިނަ ކުޅުންތެރިން ތަކަކަށް ދައުވަތު ފޮނުވާފައި ވަނި ކޮށެވެ.
ފީފާއިން ވަނީ އޮކްޓޫބަރު މަހުގެ ތެރޭގައި ފީފާގެ ހުރިހާ ހަރަކާތް ތަކަކުން ކުވައިތު ސަސްޕެންޑް ކޮށްފައެވެ. ސަބަބެއް ކަމަށް ފީފީއިން ބުނީ، ކުވޭތުގެ ސަރުކާރުން އެ ގައުމުގެ ފުޓްބޯޅަ އިދާރާއަށް ނުފޫޒް ފޯރުވާތީކަމަށެވެ.
އެހެންކަމުން ފީފާއިން ސަސްޕެންޑްކޮށްފައިވާ އެއްވެސް ގައުމެއްގައި ފީފާގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅުންތެރިއަކު ވެސް ކޯޗަކުވެސް މެޗެއް ކުޅެފި ކަމުގައި ވާނަމަ ގަވައިދުގައި ވާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ފީފާގެ އެކްޓިން ސެކްރެޓަރީ ޖެނަރަލް މާކްސް ކެޓްނާ ސޮއިކޮށް ފީފާގެ މެމްބަރު އިދާރާ ތަކަށް ފޮނުވާފައިވާ ސިޓީ އެއްގައި ވެއެވެ.
"ފީފާގެ ހުރިހާ ނިންމުންތަކަށް ވެސް މެމްބަރު ގައުމުތަކުން ޖެހޭނެ ބޯލަނބަން. ފީފާގެ ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނެ ކުވައިތުން ވެސް،" އެ ސިޓީގައި ވެއެވެ.
ކުވެއިތުން ކުޅުމަށް ތައްޔާރު ވަމުންދާ އެ މެޗަށް ދައުވަތު ދިން މަސްހޫރު ކުޅުންތެރިންގެ ތެރޭގައި އެމެރިކާގެ މޭޖާ ލީގްގައި ކުޅޭ އިނގިރޭސި މިޑްފީލްޑަރ ސްޓީވަން ޖެރާޑްއާއި އިޓަލީގެ ފުޓްބޯޅަ ލެޖެންޑް އަންދުރޭ ޕިރްލޯގެ އިތުރުން ގަތަރުގެ އަލްސާދް އަށް ކުޅެމުން އަންނަ ސްޕެއިން މިޑްފީލްޑަރު ޒަވީ ހަނަންޑޭޒް ވެސް ހިމެނެއެވެ.