މުމްބާއީ (ޑިސެމްބަރ 16): ކްރިސްޓީސް އޮކްޝަންސް އިން އިންޑިއާގެ މުމްބާއީގައި ބޭއްވި ނީލަމެއްގައި، އިންޑިއާގެ އެބްސްޓްރެކްޓް އާޓިސްޓެއް ކަމަށްވާ ވީއެސް ގައިޓޮންޑޭގެ އޮއިލް ޕެއިންޓިންއެއް އިންޑިއާގެ އެންމެ އަގުބޮޑު ކުރެހުމުގެ ގޮތުގައި ވިކިއްޖެ އެވެ.

ތާޖް މަހަލް ޕެލެސް ހޮޓެލްގައި ބޭއްވި ނީލަމުގައި ނަން ނޭނގޭ ފަރާތަކުން އެ ކުރެހުން ގަނެފައި ވަނީ 4.4 މިލިއަން ޑޮލަރަށް ކަމަށް ކްރިސްޓީސް އިން ބުންޏެވެ. މީގެ ކުރިން އިންޑިއާގެ އެންމެ އަގު ބޮޑު ކުރެހުމުގެ ގޮތުގައި ވިކިފައި ވަނީ 4.01 މިލިއަން ޑޮލަރަށް ގޯއާ އަށް ނިސްބަތްވާ އާޓިސްޓެއްގެ ކުރެހުމެކެވެ.

"އެ (ކުރެހުމަކީ) އެންމެ އަގުބޮޑުކޮށް ވިކުނު އިންޑިއާގެ އާޓް ވޯކް،" ކްރިސްޓީސްގެ އިންޓަނޭޝަނަލް ހެޑް އޮފް ވޯލްޑް އާޓް، ވިލިއަމް ރޮބިންސަން ވިދާޅުވި އެވެ.

ގައިޓޮންޑޭ ފާހަގަ ކުރެވިފައި ވަނީ އިންޑިއާގެ އެންމެ މޮޅު އެއް އެބްސްޓްރެކްޓް އާޓިސްޓްގެ ގޮތުގައި އެވެ. ދެހާސް އެއް ވަނަ އަހަރު މަރުވި ގައިޓޮންޑޭގެ ކުރެހުމެއް މީގެ ކުރިންވެސް އިންޑިއާގެ އެންމެ އަގުބޮޑު ކުރެހުމުގެ ގޮތުގައި ވިކިފައިވެ އެވެ.

އިއްޔެ އިންޑިއާގައި ކްރިސްޓީސް އިން ބޭއްވި ނީލަމަކީ އެކުންފުނިން އިންޑިއާގައި ބޭއްވި ތިންވަނަ ނީލަމެވެ. އެނީލަމުން ކްރިސްޓީސްއަށް 14.7 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ރޮބިންސަން ވިދާޅުވި އެވެ. އަދި އެއީ ކްރިސްޓީސް އަށް އިންޑިއާގައި ބޭއްވި ނީލަމަކުން ލިބުނު އެންމެ ބޮޑު މަންފާ ކަމަށްވެސް އޭނާ ބުންޏެވެ.

މައުލޫމާތު: ގާޑިއަން