16 Dec 2015, 11:50
ފައިތިލައިގެ ދަށުގައި ތަތްކޮށްފައި އިން މަލަންކޮޅެއްގެ ތެރޭގައި ފޮރުވައިގެން ގެންގުޅުނު މަސްތުވާތަކެތި ހޯދައި ކުޑަ ކުއްޖަކާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 29 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ފޮރިން މިނިސްޓްރީ ކުރިމަތިންނެވެ.
ދެ މީހުން ހައްޔަރުކުރުމަށް ފަހު ދެމީހުންގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އެމީހުންގެ ފައިތިލައިގެ ދަށުގައި ތަތްކޮށްފައި އިން މަލަންގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓު ސައިޒުގެ ރަބަރު ހަތަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފައިތިލައިގެ ދަށުގައި ތަތްކޮށްފައި އިން މަލަންކޮޅެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި -- ފޮޓޯ: ޕޮލިސް
އެ ދެމީހުންގެ ބަންދާ މެދު ގޮތެއްނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްގީގު ކުރިއަށް ގެންދިޔުމަށް ފަސް ދުވަހުގެ މުއްދަތު ވަނީ ދީފަ އެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙްޤީގު ކުރަމުންނެވެ.