16 Dec 2015, 11:32
ވަޒީފާތަކުގައި އުޅޭ މީހުންގެ މުސާރައިން ކޮންމެ މަހަކު ވެސް ވަކި ވަރެއް ކެނޑޭ ގޮތަށް މީހުން ހައްޖަށް ގެންގޮސް ދިނުމުގެ ސުކީމެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފަ އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް މިއަދު "ސަން" އަށް ވިދާޅުވީ އެ ސުކީމަކީ މި އަހަރުގެ ކުރީ ކޮޅު ތައާރަފްކޮށްފައިވާ ސުކީމެއް ކަމަށެވެ. އަދި ސުކީމުގެ ދަށުން ފުރަތަމަ ފަހަރަށް ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ އެ ސުކީމުގެ ދަށުން މިރޭ ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ މޯލް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ކަމަށެވެ.
"މިސާލަކަށް މުވައްޒަފަކު ބޭނުން ވަނީ އޭނަގެ މުސާރަ ހައްޖަށް ދިއުމަށް ޓަކައި ކޮންމެ މަހަކު ވެސް 1000 ރުފިޔާ ކެނޑެން. އެހެން ކަމަށްވަންޏާ ކުންފުނި ކޮންމެ މަހަކު ވެސް އޭނަގެ މުސާރައިން 1000 ރުފިޔާ ކެނޑުމަށްފަހު މިކޮޅަށް (ހައްޖު ކޯޕަރޭޝަން) ފޮނުވާނީ. ދެން އަޅުގަނޑުމެން އެ ފައިސާއިން އެބަ އިންވެސްޓު ކުރަން. އިންވެސްޓު ކޮށްފައި ލިބޭ ނަފާއިން އެބަ އެ މީހަކަށް އަޅުގަނޑުމެން ވެސް ފައިސާ ދެން. އެހެން ގޮސް 75 ޕަސެންޓް ހަމަވީމާ އަޅުގަނޑުމެން އެބޭފުޅަކަށް އެބަފޮނުވަން ލެޓާއެއް. އެ ލެޓާގައި އިންނާނެ އެ މުވައްޒަފަކަށް ހައްޖަށް ދެވޭނެ އަހަރާއި ބާކީ 25 ޕަސެންޓް އޭނަ ދައްކަންޖެހޭ ވަރު އެނގޭ ކަހަލަ ގޮތެއް،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައިން ހައްޖަށް ދެވޭ ސުކީމުގެ ދަށުން އުމްރާއަށް ވެސް ދިއުމުގެ ފުރުސަތު އެ މުވައްޒަފަކަށް ހަމަ އެއް އުސޫލެއްގެ ދަށުން ލިބިގެންދާނެ ކަމަށެވެ.
"މިސާލަކަށް ބައެއް ފަރާތްތައް އެބަ ތިއްބަވާ ދެއްތޯ ހައްޖަށް އެއްފަހަރު ވަޑައިގެން ތިއްބެވި. ދެން އެފަދަ ބޭފުޅުން ހަމަ ވަޑައިގަންނަވަންވީ އުމްރާ އަށް ވެސް. އުމްރާ އަށް ދާ ވަރަށް ފައިސާ ޖަމާވެފައި ހުރިނަމަ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގެ ހައްޖު ކުންފުނީގެ އެމްޑީ ވިދާޅުވީ އެ ސުކީމުގެ ދަށުން ހައްޖަށް ދިއުމުގެ ފުރުސަތު ފަހިވެގެން ދަނީ ހަމަ އެކަނި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އަމިއްލަ ކުންފުންފުނިތަކުން ވެސް އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފި ނަމަ އެފަދަ ކުންފުނިތަކުގެ މުވައްޒަފުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.