16 Dec 2015, 13:56
ކުންފުނިތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީވީސީ) ބޯޑުން ކުންފުނިތައް ލައްވައި "ރިޒަލްޓް-އެގްރީމެންޓް" އެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
އެ މަސައްކަތުގެ ދަށުން ކުންފުނިތަކުން ކޮންމެ އަހަރަކަށް ވެސް ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަކާއި ކުރާނެ މަސައްކަތްތަކެއް އަދި އެ ކަންކަން ކުރިއަށްގެންދާނެ ޕްލޭނެއް އެކުލަވާލާނެ އެވެ. އަދި އެ ކަންކަން ޕީވީސީ އާއި ހިއްސާކޮށް އެ ފަރާތުން ކުންފުނީގެ ރިޕޯޓް ރިވިއުކޮށް ކޮމެންޓް ކުރާނެ އެވެ.
އަދި އެތަކެތި އާންމުންނަށް ފެންނާނެ ގޮތަކަށް ޕީވީސީގެ ވެބްސައިޓުގައި އާންމުކުރާނެ އެވެ. ނަމަވެސް މިހާރު އާންމުންނަށް ގިނައިން ފެންނަން ހުންނަނީ އާމްދަނީ ފަދަ ކަންކަމަށް ލިބުނު ކުރިއެރުން އެކަންޏެވެ. އެ މަސައްކަތުގެ ދަށުން ކުންފުންޏާ ބެހޭ އިތުރު މައުލޫމާތުތައް އާންމުންނަށް ވެސް ލިބޭނެ އެވެ.
ރިޒަލްޓް އެގްރީމެންޓް ތައްޔާރުކުރާނެ ގޮތް ކިޔައިދިނުމަށް ޕީވީސީން ވަނީ މިއަދު ހެނދުނު ކުންފުނިތަކާ އެކު ވޯކްޝޮޕެއް ފަށައިފަ އެވެ. އިސްލާމިކް މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވާ އެ ވޯކްޝޮޕްގައި ކިޔަވައިދެއްވަނީ އެ ދާއިރާގައި ތަޖުރިބާ ހުރި ޕްރޮފެސަރެކެވެ. ވޯކްޝޮޕްގައި ރާއްޖޭގެ 22 ކުންފުންޏަކުން ބައިވެރިވި އެވެ.
ވޯކްޝޮޕް ފެށުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޕީވީސީގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ ރިޒަލްޓް އެގްރީމެންޓެއްގެ މަސައްކަތް ކުރުމުގެ ބޭނުމަކީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ކުންފުނިތައް މިހާރަށް ވުރެ ހަރުދަނާ ކުރުން ކަމަށެވެ.
"ސަރުކާރުގެ މެންޑޭޓް އެސްއޯއީ މެދުވެރިކޮށް ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް އެއް އަހަރަށް ޕްލޭންކޮށްގެން އަޅުގަނޑުމެން އެސްއޯއީސް ލައްވާ ޕީސީވީ އާ ދޭތެރޭގައި އެގްރީމެންޓެއްގައި ސޮއިކޮށް އެ އަހަރު ނިމުނީމާ އެ ބޭފުޅުން ހާސިލްކޮށްފައި ހުރި އެއްޗެހި މެޝާކުރާނެ ސިސްޓަމެއް މިއީ،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝެއާ މާކެޓްގައި މިހާރު ލިސްޓްކޮށްފައި ހުންނަ ކުންފުނިތަކުން މިހާރު ފެންނަނީ ހަމައެކަނި ކުންފުނީގެ ފައިދާ ކަމަށެވެ. އެހެންކަމުން އެއަށް ވުރެ އިތުރަށް ޕާފޯމަންސް ދެއްކުމުން ޝެއާހޯލްޑަރުންނަށް ވެސް އޭގެ އިތުބާރު ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.