ހަތަރު އަހަރަށް ފަހު ނޭޝަނަލް އެއިރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ސްޕޭސް އަށް ދިޔުމަށް ބޭނުންވާ އެސްޓްރޯނަޓުން ހޯދުމަށް އިއުލާން ކޮށްފި އެވެ.

ހަތަރު އަހަރުގެ މުއްދަތުގެ ތެރޭގައި އެ އެޑްމިނިސްޓްރޭޝަނަށް އެއްވެސް އާ އެސްޓްރޯނަޓެއް ވައްދާފައެއް ނުވެ އެވެ. އެހެން ކަމުން ނާސާއިން ބޭނުންވާ އަދަދެއް ހާމަކޮށްފައި ނުވި ނަމަވެސް ގިނަ އަދަދަކަށް އެސްޓްރޯނަޓް ބޭނުންވާނެ ކަމަށްވެ އެވެ.

ނާސާގެ ވަޒީފާއަކަށް ވަންނަން ބޭނުންވާ ކޮންމެ މީހެއްގެ ކިބައިގައި ވެސް ވަރަށް ގިނަ ޝަރުތުތައް ބޭނުންވާ ކަމަށް ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ "އެންގެޖެޓް" އިން ވަނީ ބުނެފަ އެވެ. އެއާ އެކު ސްޕޭސް އަށް ދިޔުމަށް ބަޔަކު ހޯދާ އިރު ވަޒީފާ ލިބޭ މީހާގެ ކިބައިގައި އެތަނަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑަށް ވެސް ވާސިލްވާން އުނދަގޫވާނެ ކަމަށް ވެސް އެންގެޖެޓް އިން ވަނީ ބުނެފަ އެވެ.

އެގޮތުން އެންމެ މަތީ އެކެޑެމިކް ކްރެޑެންޝަލް ހޯދާފައި ހުރުމުގެ އިތުރުން ބޮޑެތި ފިޒިކަލް ޓެސްޓުތަކެއް ފާސްކޮށްގެން ނޫނީ އެ ވަޒީފާއެއް ނުލިބޭނެ ކަމަށް ނާސާއިން ވަނީ ބުނެފަ އެވެ.

ނާސާއިން ވަޒީފާ ހޯދާއިރު އެމެރިކާގެ ރައްޔިތުންނަށް ބޮޑަށް އިސްކަން ދެވޭނެ ކަމަށް އެޑްމިނިސްޓްރޭޝަން އިން ވަނީ ބުނެފަ އެވެ. އެއްމެ ދަށްވެގެން އަންޑަގްރޭޖުއޭޓް ޑިގްރީއެއް އިންޖިނިއަރިން އާއި ސައިންސް ނުވަތަ ހިސާބުން އެ ކެނޑިޑޭޓުގެ އަތުގައި އޮންނަން ޖެހެ އެވެ. ނުވަތަ އެ ފަދަ ދާއިރާއަކުން އެންމެ މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހޭނެ އެވެ. ނާސާ އިން ބުނީ އެސްޓްރޯނަޓަކަށް ކުރިމަތިލާ ކެނޑިޑޭޓަކީ ޖެޓް އެއާ ކްރާފްޓްގެ ޕައިލެޓް އިން ކޮމާންޑުގެ މަގާމުގައި 1،000 ގަޑިއިރު ފުރިހަމަ ކޮށްފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގެ ކޮމާންޑަށް އައި ފުރަތަމަ އަންހެން އެސްޓްރޯނަޓު ޕެގީ އ. ވިޓްސަން--- ފޮޓޯ: އެންގެޖެޓް

ކެންޑިޑޭޓް އަކީ 20/20 ވިޝަން އެެއް ހުރި މީހަކަށް ވުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ނާސާ އިން ވަނީ ބުނެފަ އެވެ.

ލިންކްޑްއިން އިން ބުނެފައިވާ ގޮތުގައި ތިން މިލިއަން ކެންޑިޑޭޓަކު އެ ކެޓެގަރީތަކުން ފާސްވާ ކަމަށެވެ. ނަމަވެސް އެއީ އެންމެ ދަށުގެ ފާސްތައް ކަމަށްވެސް ލިންކްޑްއިން އިން ބުންޏެވެ.

އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ހަމަވާނެ އެވެ. އެއަށް ފަހު ކެންޑިޑޭޓުން ހޮވުމުގެ މަސައްކަތް ފަށާނެ އެވެ. ކެންޑިޑޭޓުންގެ ތެރެއިން ފައިނަލް އަށް ހޮވާ ފަރާތްތަކުން 2017 އަހަރުގެ މެދު ތެރޭގައި އިއުލާން ކުރާނެ ކަމަށް ނާސާއިން ވަނީ ބުނެފަ އެވެ.