އިސްތަންބޫލް (ޑިސެމްބަރު 16):ކުވައިތުގެ އަމީރު އައްޝައިޚް ސަބާހުލްއަހްމަދު ތުރުކީގެ އަންހެން ފިލްމްސްޓާރެއް ކަމަށްވާ ނަބްހާތު ޗިހިރީ އަށް އެއްލައްކަ އެމެރިކާ ޑޮލަރުގެ އަގުހުރި އަތުކުރިގަޑިއެއް ހަދިޔާ ކުރައްވައިފި އެވެ.

ތުރުކީގެ ޙުއްރިއްޔަތު ނޫހަށް ދިން ބަޔާނެއްގައި ނަބްހާތު ބުނީ ކުވައިތުގެ އަމީރު އައްޝައިޚް ސަބާހުލްއަހްމަދު ޗުއްޓީއެއް ހޭދަކޮށްލެއްވުމަށްޓަކައި އިސްތަންބޫލްގެ ރެސޯޓެއްގައި ދާދިފަހުން ހުންނެވިއިރު އަމީރުގެ ދައުވަތަކަށް އޭނާގެ އަރިހަށް ދިޔުމުން އަމީރުގެ ދެކަނބަނލުން އޭނާއާ ބައްދަލުކުރައްވައި ވަރަށް ކަމޭ ހިއްތެވުމަށްފަހު އެއްލައްކަ ޑޮލަރުގެ އަގުހުރި އަތުކުރިގަޑިއެއް ހަދިޔާއަކަށް ދެއްވި ކަމުގައެވެ. އަދި ކުވައިތަށް ޒިޔާރަތް ކުރުމުގެ ދައުވަތެއްވެސް އަމީރުގެ ދެކަނބަލުން އޭނާއަށް ދެއްވި ކަމުގައެވެ.

ކުވައިތުގެ އަމީރު ނަބްހާތަށް ދެއްވީ "ފްރަންކް މުލާ" (Franck Muller) މަރުކާގެ އަތުކުރިގަޑިއެއްކަމަށް ހުއްރިއްޔަތު ނޫސް ބުނެއެވެ. ނަބްހާތުގެ މިގަޑިއަށް ތުރުކީގެ އާންމުންގެ ސަމާލުކަން އައީ އޭނާ އެގަޑި އަޅައިގެން ބައެއް ހަފްލާތަކަށް ދިޔުމާއެކު އެގަޑި އާންމުންނަށް ފެނުމުންނެވެ.

ތުރުކީގައިވެސް އެފަދަ އަގުބޮޑެތި ގަޑިތައް އަޅަނީ މަދުއަދަދެއްގެ މުއްސަނދިންގެ އަބިންނާއި އަންހެންދަރިން ކަމަށް ވެއެވެ.

ނަބްހާތު ޗިހިރީ އަކީ ތުރުކީގެ ސިލްސިލާ ފިލްމެއްކަމަށްވާ "ހަރީމްއައްސުލްތާން" (ރަސްގެފާނުގެ އަނބިކަނބަލުން) ގެ ބަތަލާގެ ބައި ކުޅެފައިވާ ވަރަށް ހުނަރުވެރި ފަންނާނާއެކެވެ. "ހަރީމްއައްސުލްތާން" ސިލްސިލާ ފިލްމަކީ އަރަބި ގައުމުތަކުގައި އަދި ޚާއްސަކޮށް ގަލްފުގެ އަރަބި ގައުމުތަކުގައި ވަރަށް މަޝްހޫރުވެ އަދި އަރަބި ޝާހީ އާއިލާތަކުގެ ތަރްހީބުވެސް ވަރަށްބޮޑަށް ލިބިގެންދިޔަ ސިލްސިލާ ފިލްމެކެވެ.

މިއަހަރު އަރަބި ގިނަ ގައުމުތަކުގެ ޓީވީ ތަކުގައި މި ފލްމުވަނީ އާންމުކޮށް ދައްކާފައެވެ. މިއީ ރަސްރަސްކަލުންނާއި ޝާހީ ބޭފުޅުންގެ ދިރިއުޅުއްވުމާއި އެބޭފުޅުންގެ ޒަވާޖީ ހަޔާތާއި އަނބިއަނބިކަބަލުންގެ ދިރިއުޅުއްވުމާއި ސިއްރުތައް ވަރަށް ރަނގަނޅަށް ބަޔާންކޮށްދޭ ސިލްސިލާ (ސީރީޒް) އެއްކަމަށް ވެއެވެ. (ހުއްރިއްޔަތު)