16 Dec 2015, 10:29
ނ. އަތޮޅުގައި ބާއްވަމުން އަންނަ އެންމެ އަގު ބޮޑު މުބާރާތް 'ސިޔާމް މައުރޫފް ސޮކަ ކަޕް' ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗްގައި ހޮޅުދޫގެ މައްޗަށް 0-1ގެ ނަތީޖާ އަކުން ކުޑަފަރީ އިން ކުރި ހޯދައިފި އެވެ.
މުބާރާތް ބާއްވާ ރަށް ކަމަށްވާ ކުޑަފަރީ ބޯޅަ ދަނޑުގައި އިއްޔެ ކުޅުނު ފޯރި ގަދަ އެ މެޗްގައި ދެ ޓީމެގެ ފަރާތުން ވެސް ފެނިފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެ މެޗުގައި ފެނިގެން ދިޔަ ގޯލް ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ކުޑަފަރީގެ މުހައްމަދު އަހްލާމް(މޮޑޭ) އެވެ.

ސިޔާމް މުއުރޫފް ސޮކާ ކަޕްގައި އިއްޔެ ކުޅުނު މެޗްގެ މޮޅު ކުޅުންތެރިއާ މޮޑޭ އަށް ޝަރަފްވެރި މެހެމާން މުހައްމަދު ގާސިމް ޓްރޮފީ ހަވާލް ކޮށްދެއްވަނީ --- ފޮޓޯ: ހަފްސީ އަބްދުﷲ
އެ މެޗްގައި ކުޑަފަރީ ޓީމަށް ވަނީ ނަތީޖާ އިތުރަށް ފުޅާ ކުރަން ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް މޮޑޭ އަށް ވަނީ އެ ޕެނަލްޓީ ގޯލަކަށް ހަދާލެވޭ ގޮތް ނުވެފަ އެވެ.
އެ މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަފަރީގެ ގޯލް ކީޕަރު ހުސެއިން އަނީސް އެވެ. އޭނާ ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއު ކޮށް ކުޑަފަރީ ކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓައިފަ އެވެ.
ދެ ގުރޫޕް އަކަށް ބަހާލައުގެން ކުޅޭ އެ މުބާރާތުގެ ފަސް ވަނަ މެޗުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން މަނަދޫ ނިކުންނާނީ މާފަރާއި ދެކޮޅަށެވެ. މުބާރާތުގައި މީގެ ކުރިން މަނަދޫ ކުޅުނު މެޗް 1-2 ގެ ނަތީޖާ އަކުން މަގޫދޫގެ މައްޗަށް ވަނީ ކުރި ހޯދައިފަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ މަގޫދޫއާއި މާޅެންދޫގެ އިތުރުން ހެނބަދޫ އެވެ.

ސިޔާމް މުއުރޫފް ސޮކާ ކަޕްގައި އިއްޔެ ހޮޅުދޫއާއި ކުޑަފަރީ ކުޅުނެ މެޗަށް ސަޕޯޓަރުން ސަޕޯޓް ކުރަނީ --- ފޮޓޯ: ސިޔަމް މައުރޫފް އެފްބީ ޕޭޖް
ގްރޫޕް އޭގައި ހިމެނެނީ ލަންދޫ އާއި ހޮޅުދޫ އާއި ކުޑަފަރީގެ އިތުރުން ކެނދިކުޅުދޫ އެވެ.
ޖުމުލަ ނުވަ ޓީމް ވާދަކުރާ އެ މުބާރާތަކީ ނޫނު އަތޮޅުގައި މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެންމެ އަގު ބޮޑު ފޯރިގަދަ މުބާރާތެވެ. ދޮޅު ލައްކަ ރުފިޔާގެ އަގުބޮޑު އެ މުބާރާތުގެ އެއް ވަނަ އަށް އަންނަ ޓީމަކަށް އެއްލައްކަ ރުފިޔާ ލިބޭ އިރު ރަނަރަޕް ޓީމަށް ބައި ލައްކަ ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ.