ރިޔާސީ ލާންޗުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ކާނަލް އަޙްމަދު ފަޔާޒް ޢަލީ ރިޒާ (ޕާޕާ) ބަންދުކޮށްފައި ހުރީ ގާނޫނު އަސާސީއާ ހިލާފަށްކަމަށް ކަނޑައަޅައި، އޭނާ ދޫކޮށްލުމަށް އަމުރުކޮށްދިނުން އެދި އޭނާގެ ވަކީލު މަހުފޫޒް ސައީދު، ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކޯޓުން ބުނެފިއެވެ.

މަހުފޫޒު މިއަދު ސަންއަށް ވިދާޅުވީ ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައިނުގަތީ ފަޔާޒު ސިފައިންގެ އެއްވެސް މަރުކަޒެއްގައި ބަންދުކޮށްފައި ނުވާ ކަމަށް ބުނެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން އިން ކޯޓަށް ސިޓީއެއް ހުށަހަޅާފައި ވާތީ ކަމަށެވެ.

ޑިފެންސް މިނިސްޓްރީ އިން މިހެން ބުނެފައިވީ ނަމަވެސް ސިފައިންގެ ބަޑިގުދަނުގެ ވެރިޔާ އަދި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ޕާޕާ، އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އޭނާގެ އާއިލާއަކަށް އަދި އާންމުންނަކަށް ނުފެނެ އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށް ފަހު މަހުފޫޒު ވިދާޅުވީ ކުށެއްގެ ތުހުމަތު ކުރެވި، ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހުންނާ މެދު އަމަލުކުރެވެން ޖެހޭ އިޖުރާއަތު، ގާނޫނު އަސާސީގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު، އެއިން އެއްވެސް ހައްގެއް ކާނަލް ފަޔާޒަށް ލިބިދީފައިނުވާ ކަމަށެވެ.

ނަމަވެސް އެކި ކުށްތަކުގެ ތުހުމަތުގައި އޭނާއާ ސުވާލުކޮށް ތަހުގީގު ހިންގަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ.

އަދި ފަޔާޒް ބަންދު ކޮށްފައިވާ ސަބަބު އާއިލާއަށް ވެސް އަންގާފައި ނުވާ ކަމަށް އާއިލާ އާ ހަވާލާދީ ވަކީލް ވަނީ ކުރިން ވިދާޅުވެފަ އެވެ.