ފިރިމީހާ އަނިޔާކޮށްގެން ޖިންސީ އަނިޔާތަކެއް ލިބި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުންދާ ގދ. ތިނަދޫ އަށް ނިސްބަތްވާ އަންހެން މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު "ސަން" އަށް މިއަދު ވިދާޅުވީ އަންހެން މީހާގެ ހާލު އިއްޔެ އަށް ވުރެ މިއަދު ރަނގަޅު ކަމަށެވެ. ޒީނަތު ވިދާޅުވީ އަންހެން މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލުތައް ޖެންޑާ މިނިސްޓްރީއާ ހިއްސާ ކުރަމުންދާ ކަމަށެވެ.

"މިހާރު އިއްޔެ އަށް ވުރެ ރަނގަޅު. މަޑުމަޑުން ރަނގަޅުވަމުން އަންނަނީ. އިމްޕްރޫވްވޭ އެބަ،" ޒީނަތު ވިދާޅުވި އެވެ.

އަންހެން މީހާއަށް އަނިޔާކުރި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު، 40، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިދިފަ އެވެ.

ނަން ހާމަނުކުރުމަށް އެދި 'ސަން' އަށް މައުލޫމާތުދިން މީހަކު ކިޔައިދިން ގޮތުން ދެމަފިރިން ދޭތެރޭގައި ޖެހުނު މައްސަލައެއްގައި އަންހެން މީހާ ގެއިން ނުކުމެ އާއިލާއާ އެކު ދިރިއުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

ޖެންޑާ މިނިސްޓްރީ އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އަންހެނަމީހާ އަށް އަނިޔާކުރި މައްސަލަ ކުށްވެރި ކުރާ ކަމަށާއި އެމައްސަލައިގައި އިންސާފު ހޯދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.