16 Dec 2015, 09:48
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބަންދުގެ މުއްދަތު ވެސް ހަތަރު ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާުވީ އޭނާގެ ބަންދަށް ކޯޓުން އިތުރު 15 ދުވަސް ޖަހާދީފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
ޒިޔަތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރިސޯޓް ހަދަން ރަށްތަކެއް ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގަ އެވެ.
ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ކޯޓު އަމުރުގެ ދަށުން ފުލުހުން ވަނީ މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭ ފާސްކޮށްފަ އެވެ. އެގޭގައި އޭނާ ދިރިއުޅުއްވާ އެ ޕާޓްމަންޓް ފާސްކުރުމަށް ފަހު އެތަނުން ބައެއް ތަކެތި ކޮތަޅުތަކަށް އަޅައިގެން ފުލުހުން ވަނީ ގެންގޮސްފަ އެވެ.
އެމްއެމްޕީއާރްސީގެ އޮފީސް ވެސް މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ ފާސްކޮށް ފުލުހުން ވަނީ އެތަނުން ބައެއް ތަކެތި ގެންގޮސްފަ އެވެ. ނަމަވެސް އެތަނުން ވެސް ގެންދިޔައީ ކޯއްޗެއްކަމެއް ނޭނގެ އެވެ.
ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އެގެ ބަލައިފާސްކުރާން ބޭނުންވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، އެ ގޭގައި ފޯނުކޯލު އަޑުއެހުމަށް ބޭނުންކުރާ ހާއްސަ އާލާތްތަކާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.