16 Dec 2015, 09:20
ދައުލަތުގެ ފަރާތުން ރައްކާތެރިކަން ހޯދުމަށް ކުޑަކުދިންގެ ހިޔަލުގައި ރަޖިސްޓްރީވެފައިވާ ކުދީންގެ އަދަދު 120 އަށް އަރާ ކަމަށް އެ ހިޔަލުގެ ސީއީއޯ ޒީނަތު އަދުނާން ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޒީނަތު ވިދާޅުވީ މި އަހަރުގެ މެއި މަހު އެ އަަދަދު އުޅުނީ 100ގައި ކަމަށާއި ނަމަވެސް ހަ އެއްކަ މަހުގެ ތެރޭގައި 16 ޕަސެންޓްވަރު އިތުރުވެފައިވާ ކަމަށެވެ.
ޒީނަތު ވިދާޅުވީ ކުޑަކުދިންގެ ހިޔަލަށް ކުދިން ގިނަ ވުމާ އެކު މުވައްޒަފުންގެ އަދަދު ވެސް އިތުރުކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ކުޑަކުދިންގެ ހިޔަލުގައި 100 ވަރަކަށް މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުވައްޒަފުން އިތުރަށް ތަމްރީންކޮށް ކުރިއެރުވުމަށް މަސައްކަތްތަކެއް ކޮށްފައިވާނީ. އެގޮތުން ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ގިނަ ޕްރޮގްރާމްތަކެއް ވަނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައި. އެގޮތުން އޭގެ 20 ޕްރޮގްރާމެއް ވާނީ މިހާރު ކުރިއަށް ގެންގޮސްފައި،" ޒީނަތު ވިދާޅުވި އެވެ.
ޒީނަތު ވިދާޅުވީ ކުޑަކުދިންގެ ހިޔަލުގެ އެންމެ މައިގަނޑު މަސައްކަތަކީ އެތަނުގައި ތިބި ކުދިންނަށް ރަނގަޅަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެން ބަލަނީ ސްކޫލަށް ވަދެވޭ ވަރުގެ ކުދިން ސްކޫލަށް ވެއްދުން. އޭގެ އިތުރުން އެ ކުދީން ހިޔާއަށް ގެންނަތާ 24 ގަޑިއިރުގެ ތެރޭގައި ހާއްސަ ޗެކަޕެއް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދިންގެ ސިއްހަތު ބެލުމަށް ހާއްސަ މެޑިކަލް އޮފިސަރެއް ހުންނާނެ ކަމަށާއި ކުދިން ކެއުމަށް ބޭނުންވާ އެއްޗެހި ތައްޔާރުކޮށް ރަނގަޅު ޗާޓުތަކެއް އެކުލަވާލާފައިވާ ކަމަށެވެ.
ކުޑަކުދިންގެ ހިޔާގެ ރައްކާތެރި ކަން އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުޑަކުދިންގެ ހިޔަލުގައި ކެމެރާ ހަރުކޮށްފައިވާ ކަމަށް އޭނާ ޒީނަތު ވިދާޅުވި އެވެ.
މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ ކުޑަކުދިންގެ ހިޔަލަށް އެންމެ ގިނައިން ގެންދަނީ އެކުދިންގެ އާއިލާގެ ނުވަތަ ބަލަދުވެރިންގެ ފަރާތުން އިހުމާލުވެފައި ހުރުމުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ ކުދިން ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް އެފަދަ 45 ކުދިން، ކުޑަކުދިންގެ ހިޔަލުގައި އެބަތިބި ކަމަށް އަނިލް ވިދާޅުވި އެވެ.
ބަލާނެ އެއްވެސް ފަރާތެއް ނެތް ގާތްގަނޑަކަށް 30 ވަރަކަށް ކުދިން ތިބި އިރު، ޖިންސީ އަނިޔާ ލިބިގެން 14 ކުއްޖަކު އަދި ޖިސްމާނީ އަނިޔާ ލިބިގެން 15 ކުއްޖަކު ކުޑަކުދިންގެ ހިޔާގައި އެބަތިބި ކަމަށް އެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.