ގަސްދުގައި މީހުން މެރުމުގެ އަދަދު މިއަހަރު ވަނީ އިތުރުވެފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ފަސް މީހަކަށް ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާއިރު، މި އަހަރުގެ މިހާތަނަށް އަށް މީހަކު މަރާލާފައިވެ އެވެ. މިއަހަރު ރާއްޖޭގައި ހިނގި މަރުގެ ހާދިސާތަކަށް ބަލާއިރު ކުޑަކުއްޖަކާއި ބިދޭސީންނާއެކު ޒުވާނުން ވެސް ރަހުމްކުޑަ ހަމަލާތަކުގައި މަރާލާފައިވެ އެވެ.

މުހައްމަދު އިބްތިހާލް

ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް --

ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވެފައި ވަނީ އަމިއްލަ މަންމަގެ އަނިޔާތަކުގަ އެވެ. އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދު ކުރި އަނިޔާތަކުގެ ސަބަބުން، އެ ތުއްތު ކުއްޖާ މަރުވެފައި އޮއްވައި ފެނުނީ ޖެނުއަރީ 28، 2015ގަ އެވެ. ދަރިފުޅަށް އަނިޔާކުރި ކަމަށް އާފިޔާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފަ އެވެ. ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާފިޔާގެ މައްޗަށް ވަނީ އުފުލާފަ އެވެ.

ޖައިލަމް އަހްމަދު ޝާކިރު

ވަޅިން ހަމަލާދީ މަރާލި ޖައިލަމް --

ހ. ހަންޑްރެޑް ފްލާވާ ޖައިލަމް އަހްމަދު ޝާކިރު މަރާލާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ. އޭނާއަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ގްރޫޕަކުންނެވެ.

ޖައިލަމްގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. ނަމަވެސް އޭނާގެ ގަޔަށް ވަޅިހެރި ކަމަށް ތުހުމަތު ކުރެވޭ މީހާ ވަނީ ފިލައިފަ އެވެ. އޭނާ ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފަ އެވެ.

އަލީ ޒިޔަދަމް

މަރާލާފައިވާ އަލީ ޒޔަދަމްގެ ހަށިގަނޑު

މިއަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހު ލ. މުންޑޫ، ނޫވިލު އަލީ ޒިޔަދަމް މަރާލީ ރާފުޅިއެއްގެ މައްސަލާގަ އެވެ. މުންޑޫ މަގުމަތިން ހިނގާފައި ދަނިކޮށް، އޭނާ މަރާލީ ބަޔަކު މީހުން އޭނާގެ ހަށިގަނޑުގެ އެތަން މިތަނަށް ވަޅިހެރުމުން ލިބުނު ޒަޚަމްތަކަށް ފަރުވާ ނުލިބި އުޅެނިކޮށެވެ.

އަލީ ޒިޔަދަމްގެ މަރާލި މައްސަލައާ ގުޅިގެން ދެ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

ޝާހީން މިއާ

މިއަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހު ޝާހީންމިއާ މަރާލީ ހާބަރު ކަޑައެއްގެ ތެރޭގަ އެވެ. ޅިޔަނު ކެފޭގައި ހުއްޓައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޮސް ވަޅިން ހަމަލާދީ އޭނާ މަރާލީ ފަތިހުގެ ވަގުތެއްގަ އެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް އެއްވެސް ހެތްކެއް ނެތެވެ. މަންޒަރު ފެނުނު ބިދޭސީންތަކެއް ޑީޕޯޓުކޮށްލާފައި ވާތީ ތަހުގީގު ކުރިއަށް ނުގެންދެވި ވަނީ ހުއްޓާލަންޖެހިފަ އެވެ.

ނޫރު އާދަމް ހަސަންފުޅު

ނޫރު އާދަމް މަރާލާފައި ވަނީ، މާރާމާރީއެއްގައި ޒަޚަމްވި މީހަކު ގޮވައިގެން ހޮސްޕިޓަލަށް ގޮސް ހުއްޓައި ކަމަށް އާއިލާއިން ބުނޭ -- ފޮޓޯ: ފޭސްބުކް

މާލޭ ދަފްތަރު ނަންބަރު 074 ނޫރު އާދަމް ހަސަންފުޅު މާރާލާފައި ވަނީ 28 މާޗު 2015 ވަނަ ދުވަހުގެ ރޭ ދަންވަރު 1:42 އެހައިކަންހާއިރު އައިޖީއެމްއެޗުގެ އިމަޖެންސީ ގޭޓު ކުރިމަތީގައި ހުއްޓައި ސައިކަލްތަކެއްގައި ދިޔަ ބަޔަކު ވަޅިން ދިން ހަމަލާގަ އެވެ. އޭނާ މަރާލުމުގެ ކުށުގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކަށް ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ. އޭނާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. އަދި އޭނާ މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އިތުރު ދެ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދި ނުނިމެ އެވެ.

ބާދްޝަހުމިޔާ

ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ބާދްޝަހުމިޔާ މަރާލާފައި ވަނީ 9 ޖޫން 2015 ވަނަ ދުވަހުގެ ރޭ 10:00 އެހައިކަންހާއިރު ލ. ގަމު ރަންދާނުގޭގެ ފެންޑާގައި ބާދްޝަހުމިޔާ ނިދާފައި އޮއްވައި ދިގުމިނުގައި ތިން ފޫޓު ހުންނަ ދިގު ލަކުޑި ފަތިބުރިއަކުން މީހަކު އޭނާ އަށް ދިން ހަމަލާގެ ސަބަބުންނެވެ.

ހުސައިން ޝިއާރު

އައްޑޫ ސިޓީގެ ހިތަދޫގައި ހިންގި ގުރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލަދީ މަރާލި ސ. ހިތަދޫ، އަތީނާ، ހުސައިން ޝިއާރު ---

ސ. ހިތަދޫ އެތީނާ ހުސައިން ޝިއާރު މަރުވެފައި ވަނީ ގްރޫޕަކުން އޭނާއަށް ތޫނު ހަތިޔާރުން މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށް ޖެހިގެން އައި ދުވަހުގެ ރޭގެވަގުތެއްގަ އެވެ.

އެ މައްސަލައާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

އަހްމަދު ޒަމީން

އއ. ތޮއްޑޫ އިރުމަތީގެ އަހްމަދު ޒަމީން މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސީރިއަސް ޒަހަމްތަކަކާ އެކު މ. މޫސުން ބަހާރުގޭ ހަވަނަ ފަންގިފިލާގެ ސިޑިގޮޅިތެރޭގަ އެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމަށް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.