ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އިމިގްރޭޝަން ގާނުނާއި ގަވައިދާ ހިލާފަށް ރާއްޖޭގެ ގައުމީ މަސްލަހަތާ ފުށުއަރާ ގޮތަށް ޑޮކިއުމެންޓްރީއެއް ހެދުމަށް ރާއްޖޭގައި ވީޑިއޯ ކުރަމުންދިޔަ ބޭރު ބަޔަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ މީހުން ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިފަދަ މީހުން ރާއްޖެއަށް ގެނައުމުގައި މެދުވެރިވާ އެޖެނުންޓުން ހަމަޖެހިފައިވާ އުސޫލުން ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކުން، މި ފަދަ ކަންކަމަށް ބޭނުންވާ، ހުއްދަ ހޯދުމަށްފަހު އެ ފަދަ ފަރާތްތައް ރާއްޖެއަށް ގެނައުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރަމެވެ،" އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ ވިދާޅުވީ ފުލުހުންގެ އެހީތެރިކަމާއެކު އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގެ ގައުމީ މަސްލަހަތާ ފުށުއަރާ ގޮތަށް ޑޮކިއުމެންޓްރީއެއް ނަގަމުންދަނިކޮށް ކަމަށެވެ.

"އެ މީހުން ރާއްޖޭގައި މަސައްކަތްކޮށްފައި ވަނީ ދެވިފައިވާ ހުއްދައިގެ ދާއިރާއިން ބޭރުން،" އިސްލާއިލް ވިދާޅުވި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އއ. ހިމަންދޫއިން އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.