މާލެ އާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފިއިވާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް"ގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އަންނަ ހަފްތާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިމަހު 24ގައި ބުރިޖްގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށެވެ.

ބުރިޖުގެ މަސައްކަތް ފެށުމަށް ޓަކައި ވަނީ ލޮނުޒިޔާރަތް ކޮޅަށް ވަދެވެން ހުރި ހުރިހާ މަގަކަށް ދުއްވާ އެއްޗިހި ނުވަދެވޭ ގޮތަށް ވަނީ ބަންދު ކޮށްފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ނެރެފައިވާ އިއުލާނުގައި ބުނީ ބުރިޖް އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން ރާޅުގަނޑު ސަރަޙައްދުން ފެށިގެން، ބޮޑުތަކުރުފާނުމަގު، ޓަސްކަލޫސާ ހަމައިން ދަރުބާރުގޭ އިރު ހުޅަނގު ކަންމައްޗާ ހަމަ އަށް ބަންދު ކޮށްފައިވާ ކަމަށެވެ. އަދި އަމީނީމަގުގެ އިރުމަތީކޮޅުން ފެށިގެން މޫންލައިޓްހިނގުމުގެ އިރުދެކުނު ކަނާ ހަމައަށް، ބަންދުވާނެ ކަމަށް ވެސް އެ އިލާނުގައި ވެ އެވެ.

އެގޮތަށް ބައެއް މަގުތަތައް ބަންދުކުރުމާ އެކު ބައެއް މަގުތައް ވަނީ މިހާރު ޓޫވޭއަށް ބަދަލުކޮށްފަ އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވަނީ މޫން ލައިޓް ހިނގުމުގައި ދެކޮޅަށް ދުއްވޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ ހިތިގަސްމަގުގެ، މޫންލައިޓްހިނގުމާ ގުޅޭ ހިސާބުން ފެށިގެން އިރަށް، ބޮޑުތަކުރުފާނުމަގާ ހިސާބަށް ދެކޮޅަށް އުޅަނދު ދުއްވޭ ގޮތަށް ހަދާފައިވާ ކަމަށެވެ.

ބުރިޖުގެ މަސައްކަތަށް އެ ސަރަހައްދު ބަންދުކުރާތީ، ބޮޑެތި މުދާ އުފުލާ އުޅަނދުފަހަރު މާލޭ ބަނދަރަށް ވަންނަ ރޫޓަށް ބަދަލު ކުރަންވެސް ވަނީ މިހާރު ނިންމައިފަ އެވެ.

ބުރިޖްގެ އަމަލީ މަސައްކަތް މި މަސްތެރޭގައި ފެށޭއިރު އެ މަސައްކަތް ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއާ ވަނީ ރަސްމީކޮށް ހަވާލުކުރެވި އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖްމަންޓު ޓީމް ވެސް މިހާރު ވަނީ މާލެ އައިސްފައެވެ.

ބުރިޖްގެ މަސައްކަތް ކުރާ ސައިޓުގެ ގޮތުގައި އަޑި ޕާކު ހަމަޖައްސާފައިވާއިރު އެސަރަހައްދުގެ އިތުރުން ބުރިޖް އަޅާ ސާމާނު ބަހައްޓަން ހުޅުލެ އާއި ހުޅުމާލެ އިން ވެސް ކޮންޓްރެކްޓަރަށް ބިމެއް ހާއްސަ ކުރާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ޖުމްލަ 1.39 ކިލޯ މީޓަރު ހުންނަ އެ ބުރިޖްގެ މަސައްކަތް 30 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބުރިޖްގެ މަސައްކަތް މުޅިން ނިއްމާލެވޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީ އިން ބުނެ އެވެ.