16 Dec 2015, 11:11
ފިލްމީ ތާރީހުގައިވެސް އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމު ފްރެންޗައިޒް "ދަ ހެރީ ޕޮޓާ"ގެ ފުރަތަމަ ސްޕިން-އޮފް ފިލްމު "ފެންޓާސްޓިކް ބީސްޓްސް އެންޑް ވެއާ ޓު ފައިންޑް ދެމް"ގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފި އެވެ.
މަޝްހޫރު ފިލްމް ފްރެންޗައިޒް ހެރީޕޮޓާ 2011 ގައި ނިމުނުފަހުން ހެރީ ޕޮޓާގެ ދުނިޔެއާ ގުޅުން ހުރި އުފެއްދުމެއް ނެރޭ މިއީ ފުރަތަމަ ފަހަރެވެ.
ހެރީ ޕޮޓާ ވާހަކަ ސީރީޒް އަސްލަކަށް ބަލައިގެން ނެރުނު ހެރީ ޕޮޓާ ފިލްމު ފަދައިން ފެންޓާސްޓިކް ބީސްޓްސް އަކީވެސް އެ ވާހަކަ ސީރީޒްގެ ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ ލިޔުމެކެވެ.
ފެންޓާސްޓިކް ބީސްޓްސް އަކީ ޖޭކޭ ރޯލިން 2001 ވަނަ އަހަރު ލިޔުނު ވާހަކައެކެވެ. ހެރީ ޕޮޓާގެ ދުނިޔެ އިތުރަށް ފުޅާކޮށް ކިޔައިދިނުމަށް ލިޔުނު އެ ސްޕިން-އޮފްގެ އިތުރުންވެސް ގިނަ ސްޕިން-އޮފް ތަކެއް ޖޭކޭ ރޯލިން ވަނީ ލިޔެފައެވެ.
ފެންޓާސްޓިކް ބީސްޓްސްގައި ފެނިގެންދާނީ 1926ގައި ނިއުޔޯކަށް ޖާދުވީ ޖަނަވާރުތަކެއް ދޫވެގެން އުޅޭ މަންޒަރެވެ. އެގޮތުން ފިލްމުގެ މައިގަނޑު ކެރެކްޓަރު ނިއުޓް ސްކެމެންޑާ އަކީ އެފަދަ ޖަނަވާރުން ހޯދުމަށް އުޅޭ "މެޖިޒޫލޮޖިސްޓް"އެކެވެ. ފިލްމުގެ މައިގަނޑު ކެރެކްޓަރުގެ ރޯލުން ފެނިގެންދާނީ އޮސްކާ އެވޯޑު ހޯދާފައިވާ އެކްޓަރު އެޑީ ރެޑްމޭންއެވެ.
ޑަބްލިއުބީގެ ބެލުމުގެ ދަށުން އުފައްދާ އެ ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު 18ގައެވެ.