15 Dec 2015, 21:35
އަމީނިއްޔާ ސްކޫލުގެ ޗާންދަނީމަގާއި ލިލީމަގަށްވާ ގޮތަށް ހުރި ސަރަހައްދުގައި މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ގޮތަށް ހެދުމަށް އެތަނުގައި ހުރި ފާރު އެތެރެއަށް ޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ އަމީނިއްޔާ ސްކޫލުގެ ފާރު އެތެރެއަށް ޖެއްސުމުން މަގުމަތީގެ ޖާގަ ބޮޑުވެގެން ދާނެ ކަމަށެވެ.
"ފާރު އެތެރެއަށް ޖެއްސުމުގެ ބޭނުމަކީ ބެލެނިވެރިންނާއި ކުދިން ސްކޫލު ކައިރީ މަޑުކޮށްގެން ތިބޭ އިރު ޖާގަ ހަދައިދިނުން. އޭރުން އެ ސަރަހައްދުގައި ދުއްވާފައި ދާ އެއްޗެއްސަށް އުނދަގޫ ނުވާނޭ ގޮތަށް އާންމުންނަށް ސްކޫލުކައިރީ މަޑުކޮށްލައިގެން ތިބެވޭނެ. ފާރު އެތެރެއަށް ޖެއްސުމާއެކު މަގުވެސް ބޮޑުވެގެން ދާނެ،" ހަސަން ރަޝީދު ވިދާޅުވިއެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓް ނިމޭއިރު، ޖަމާލުއްދީން ސްކޫލުގެ ބޭރު ފާރު ހުރިގޮތާ އެއްގޮތަށް ތައްޔާރުކޮށްފައި ހުންނާނެއެވެ.
އެގޮތުން ފާރު އެތެރެއަށް ޖެއްސުމަށްފަހު އެސަރަހައްދުގައި ޕޭވްމެންޓް ޖަހާ އާންމުންނަށް ރައްކާތެރިކަން ލިބޭނޭ ގޮތަށް އެސަރަހައްދުގައި ފަލަ ހޮޅިތަކެއް ޖަހާނެ އެވެ.
ހަސަން ރަޝީދު ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ އެ ޕްރޮޖެކްޓްގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލުމަށް ކަމަށެވެ. އެގޮތުން އެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ނިންމާލެވޭ ވަރު ވާނެ ކަމަށް ވިދާޅުވި އެވެ.