ޓްރިޕޮލީ : ލީބިޔާގެ މައްސަލަ ހައްލުކުރުމަށްޓަކައި އެފްރިކާގެ އިއްތިޙާދުގެ ފަރާތުން ލިބިޔާއަށް ޒިޔާރަތްކުރި ވަފްދުން ހުށަހެޅި "މަގުޗާޓެއް" ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ޤަބޫލު ކުރައްވައިފި ކަމަށް ޚަބަރު ލިބިއްޖެވެ.

އެފްރިކާގެ ފަސް ޤައުމެއްގެ ރައީސުން ހިމެނޭ މިވަފްދުގެ ވެރިއަކަށް ހުންނެވި ދެކުނު އެފްރިކާގެ ރައީސް ޖާކޯބް ޒޫމާ ވިދާޅުވީ ގައްޒާފީ މި މަގުޗާޓް ޤަބޫލުކުރައްވައިފި ކަމަށާއި އަދި އެފްރިކާގެ ވަފްދުގެ ބޭފުޅުން ގައްޒާފީ ގެ ފޭލިގެ ކޮޅުގައި އޭނާއާއާކު ކުރެއްވި މަޝްވަރާތައް ވަރަށް ކާމިޔާބު ކަމުގަ އެވެ.

އެފްރިކާގެ އިސްވެރިންގެ މިވަފްދުގެ ބޭނުމަކީ ޤައްޒާފީއާއި އޭނާގެ އެ ނިޒާމް ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ފަރާތްތަކާ ދެމެދު މެދުވެރިއެއްގެ ބައި އަދާކޮށް ލީބިޔާގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުވޭނެ ގޮތެއްވޭތޯ މަސައްކަތް ކުރުމެވެ.

އެފްރިކާގެ އިއްތިޙާދުގެ ވަފްދުގައި ހިމެނެނީ ދެކުނު އެފްރިކާގެ ރައީސް ޖާކޯބް ޒޫމާގެ އިތުރުން ކޮންގޯ، މާލީ، މޮރިޓޭނިޔާގެ ރައީސުންނާއި ޔުގަންޑާގެ ޚާރިޖީ ވަޒީރެވެ. މިބޭފޫޅުން މިއަދު ބެންޣާޒީއަށް ވަޑައިގެން އިދިކޮޅު އިންތިޤާލީ މަޖިލީހުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ.

ލީބިޔާގެ މައްސަލަ ޙައްލުކުރުމަށް އެފްރިކާގެ އިއްތިޙާދުން ހުށަހެޅި މަގުޗާޓްގެ ތަފްސީލް ފަހުން ދެއްވާނެ ކަމަށް ޒޫމާ ވިދާޅުވި އެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މި ޕްލޭން ނުވަތަ މަގުޗާޓް ބިނާވެފައިވަނީ ޤައްޒާފީ ލީބިޔާގެ ވެރިކަމުގައި ހުންނަވައިގެން ލީބިޔާއަށް ދިމުޤްރާތީ އިސްލާޙްތައް ގެނަސް ބަރުލަމާނީ ނިޒާމެއްގެ މައްޗަށް ބުނާވެފައިވާ ދަސްތޫރެއް އެކުލަވާލުމުގެ މައްޗަށެވެ.

ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މައްޗަށް ބިނާވެފައި ނުވާ ސުލްޙައިގެ އެއްވެސް ހުށަހެޅުމެއް ޤަބޫލު ނުކުރާނެ ކަމުގައެވެ. -- އަލްޖަޒީރާ