ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވެލް ޓްރޭޑް ޝޯ ކަމަށްވާ އައިޓީބީ ބާލިން އަށް އަންނަ އަހަރު 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެކި ގައުމުތަކަށް ފޮނުވާ އެމްބެސެޑަރުންގެ ތެރެއިން ރާއްޖެއަށް ހަމަޖައްސަވާފައިވާ އެމްބެސެޑަރު ރާއްޖެއަށް ޒިޔާރަތް ކުރައްވައިފި އެވެ.

އައިޓީބީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ޓްރައުސްގެ ދެމަފިރިންނަށް ހާއްސަކޮށްގެން މިއަދު ހަވީރު ބަނޑޮސް އައިލެންޑް ރިސޯޓްގައި ވަނީ ހަފުލާއެއް ބާއްވައިފަ އެވެ.

އައިޓީބީގެ ފަރާތުން އެމްބެސެޑަރުން ރާއްޖެ ވަޑައިގަތުމާ ގުޅިގެން ބަނޑޮސް އައިލެންޑްގައި ބޭއްވި ރައްމިއްޔާތުގެ ތެރެއިން: ޑެޕިއުޓީ ޓުއަރިޒަމް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

ރާއްޖޭގެ ރިޕްރެޒެންޓޭޓިވް އިންނާ ބައްދަލުކުރެއްވުމަށް ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ އައިޓީބީ ފެއާގެ ހޯސްޓް ގައުމެއްގެ ގޮތުގައި ރާއްޖެ ވެގެން ދިޔުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި އައިޓީބީ އިން ބޮޑެތި ތަރައްގީތަކެއް ހޯދާފައިވާ ކަމަށާއި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައިޓީބީގެ އެމްބެސެޑަރު ވަނީ ލިރާރް އަށް އައިޓީބީގެ ލިމިޓެޑް ބަޑީ ބެއާއެއް ހަދިޔާ ކުރައްވާފަ އެވެ. އަދި ލިރާރުގެ ފަރާތުން އެބޭފުޅުންނަށް ވަނީ ދިވެހި މޮޑެލް ދޯންޏެއް ހަދިޔާ ކުރައްވާފަ އެވެ.

އައިޓީބީ ބާލިން އަށް 50 އަހަރު ފުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމްގައި ދުނިޔޭގެ 50 ސަރަހައްދަކަށް އައިޓީބީގެ 50 އެމްބެސެޑަރުން ދަތުރުކުރާނެ އެވެ.

އެކި މައުލޫތަކާ ގުޅުވައިގެން ކުރައްވާ ދަތުރުތަކުގެ ތެރޭގައި ޓުއަރިޒަމް އާއި ޕޮލިޓިކްސް އާއި އިޖްތިމާއީ މައްސަލަތަކާއި މާހައުލު އަދި ތާރީހު ހިމެނެއެވެ. އެގޮތުން އެމްބެސެޑަރުން އެ ގައުމުތަކަށް ވަޑައިގެން ގައުމުގެ މަންދޫބުންނާ ބައްދަލުކޮށް އެ މައުލޫތަކާ ބެހޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރާނެއެވެ.

ރާއްޖެއަށް ހަމަޖެހިފައިވާ މައުލޫއަކީ "ހަނީމޫން" އެވެ. އެގޮތުން އެ މައުލޫގެ ދަށުން ދެ ފަރާތުގެ މެދުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރާނެއެވެ.

އަންނަ އަހަރުގެ އައިޓީބީ ފެއާގެ ހޯސްޓް ގައުމެއްގެ ގޮތުގައި ރާއްޖެ ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝް (އެމްްއެމްޕީއާރުސީ) އިން ވަނީ ބުނެފައެވެ.

އަންނަ މާޗު މަހުގެ ނުވައަކުން 13 އަށް ކުރިއަށް ގެންދާ އެ ފެއާގެ ހުޅުވުމުގެ ރަސްމިއްޔާތު ހޯސްޓް ކުރާނީ ދިވެހި ރާއްޖެއިންނެވެ.