ނަވާރައަށް ވުރެ ގިނަ ސްޓޯލްތަކާއި އެކު ހަތަރު ވަނަ "މޯލްޑިވްސް ކޮންސިއުމާ ފެއާ" މިއަދު ހުޅުވައިފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ނެޝަނަލް އާޓް ގެލަރީގައި ކުރިއަށްދާ ކޮންސިއުމާ ފެއާ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު އެވެ.

ކޮންސިއުމާ ފެއާގެ ކަންކަން އިންތިޒާމު ކުރި ބްލަކް މޯލްޑިވްސް އިން މިއަދު ބުނީ ކޮންސިއުމާ ފެއާ ބޭއްވުމުގެ މަގުސަދަކީ މުދާ ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތައް އެކީ އެއް ފުރާޅެއްގެ ދަށުން ބައްދަލުވުން ކަމަށެވެ. އަދި ފެއާގައި ބައިވެރިވާ ފަރާތްތަކަށް އާ ކަސްޓަމަރުން ހޯދުމަށް ލިބިގެންދާ ފުރުސަތަކަށް ކޮންސިއުމާ ފެއާ ވެގެންދާނެ ކަމަށް ވެސް ބްލަކް މޯލްޑިވްސް އިން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ކޮންސިއުމާ ފެއާގެ ސަބަބުން ވިޔަފާރި ވެރިންނާއި ތަކެތި ގަންނަ ފަރާތްތަކާއި ދެމެދު އޮންނަ ގުޅުން ބަދަހި ވެގެންދާނެ ކަމަށެވެ. އަދި ވިޔަފާރި ވެރިން ވިއްކާ މުދަލުގެ އިތުބާރު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ވެސް ތައުފީގު ވިދާޅުވި އެވެ.

ތައުފީގު ވިދާޅުވީ ރާއްޖޭގައި ވިޔަފާރިވެރިންނާ ވިޔަފާރިތައް ތަރައްގީ ކުރުމަށްޓަކައި އަދި ރާއްޖޭގެ އުފެއްދުންތައް އިތުރު ކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދުވަސްވަރެއް ކަމަށެވެ.

"ވިޔަފާރިތައް ތަރައްގީ ކުރުމަށްޓަކައި އަޅުގަނޑުމެން އިކޮނޮމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ މި ދުވަސްވަރުގައި މިފަދަ ފެއާއެއްގެ ސަބަބުން ވިޔަފާރިވެރިންނާ ކަސްޓަމަރުންނާ ފޭސްޓު ފޭސް ވާހަކަދެކެވި ދިމާވާ މައްސަލަތަކާއި ދެނެގަނެ މައްސަލަތައް ހައްލު ކުރުމަށްޓަކައި މަޝްވަރާ ކުރެވިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން." ތައުފީގު ވިދާޅުވި އެވެ.

ހިލޭ ކޮންމެ މީހަކަށް ވެސް ވަދެވޭ ކޮންސިއުމާ ފެއާ ހުޅުވިފައި ހުންނާނީ މެންދުރު ފަހު 2:00 އިން ރޭގަނޑު 11:00 އަށެވެ.