ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ގެއަށް ބަދަލުކުރި ކަމަށް ބުނާ ލިޔުމުގެ މައްސަލަ ވީހާވެސް އަވަހަކަށް ބަލާ ނިންމަވައި ދެއްވާނެ ކަމުގެ ޔަގީންކަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ދެއްވާފައިވާ ކަމަށް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ސީޕީ އާރިފާއެކު މިއަދު ހަވީރު ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ކުރިއަށް ދިޔަ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދުގެ ވަކީލް ހަސަން ލަތީފް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ ލަސްވާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކޮށްފައި ވާނެ ކަމަށެވެ.

"ޕޮލިސް ކޮމިޝަނަރު އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވި ވަރަށް އަވަހަށް ބަލައި ނިންމަވައި ދެއްވާނެކަން އެ މައްސަލަ. ދެން އެ މައްސަލައިގައި ބަލަން ޖެހޭ ހުރިހާ ކަމަކަށް ބަލާނެ ކަންވެސް،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ މިވަގުތު ނަޝީދު ޖަލުގައި ހުންނަވަން ޖެހިވަޑައިގެންފައި ވަނީ އެ ސިޓީއަކީ ސައްހަ ލިޔުމެއް ނޫން ކަމަށް ސަރުކާރުން ބުނާތީ ކަމަށާއި އެހެން ނޫންނަމަ މިހާރު އެމަނިކުފާނު ހުންނަވާނީ ގޭގައި ކަމަށް ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދަށް މިހާރު ޖަލުގައި ހުންނަން ޖެހުމަކީ އެމަނިކުފާނަށް ލިބެން ނުޖެހޭ އަދަބެއް ކަމަށެވެ.

ރައީސް ނަޝީދު ވަރަށް އަވަހަށް ގެއަށް ބަދަލު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތް ކަމަށް ވެސް ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ނަޝީދަށް ކަރެކްޝަންގެ ފަރާތުން ދިން ލިއުމަކީ ސައްހަ އެއްޗެއްތޯ ބެލުމަށް ކަރެކްޝަންގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 24 ގަ އެވެ. އެދުވަހުން ފެށިގެން މިހާތަނަށް ދިޔަ އިރު ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އޭރު ފުލުހުން ވިދާޅުވީ "އެ ލިޔުމުގެ ސައްހަކަން ބެލުމަށް މިހާރު ތަހުގީގު ފަށާފައިވާ" ކަމަށެވެ.

އޭގެ އިތުރުން ނަޝީދުގެ 13 އަހަރު ދުވަހުގެ ޖަލު ހުކުމް އެއްކޮށް "މައާފު" ކޮށްފައިވާ ކަމަށް ބުނާ ލިޔުމުގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.