15 Dec 2015, 18:32
ސިޔާސީ ޕާޓީތައް ރާއްޖޭގައި އަލަށް އުފެއްދިއިރު، ހުށަހެޅި ފޯމުތަކުގައި އަލުން ފިންގާ ޕްރިންޓު ޖަހަން އެންގި އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީ އާއި ޑީއާރްޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، ކޯޓުން ބޭރުން ހައްލު ނުކުރެވުމުން، އެ މައްސަލައިގެ ޝަރީއަތް ފަށަން ނިންމައިފި އެވެ.
ސިވިލް ކޯޓުން އެގޮތަށް ނިންމީ މިއަދު އެ ކޯޓުގައި ބޭއްވި އެ މައްސަލައިގެ މަޝްވަރާ ބައްދަލުވުމުގައި އެމްޑީޕީ އާއި ޑީއާރްޕީން ހުށަހެޅި ހުށަހެޅުމަށް ދައުލަތުން އެއްބަސްނުވުމުންނެވެ.
އެމްޑީޕީ އާއި ޑީއާރްޕީން ހުށަހެޅި މައްސަލާގައި އެދިފައި ވަނީ ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށްވުމަށް އެދި ފޯމް ހުށަހަޅާއިރު، ފިންގާ ޕްރިންޓު ޖަހަން ނުޖެހޭ ގޮތަށް އޮތް ދުވަސްވަރު ހުށަހެޅި ފޯމުތަކުގައި ފިންގާ ޕްރިންޓު ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅި ސަބަބެއް ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ މާއްދާ އިލެކްޝަންސް ކޮމިޝަނުން ނުބައިކޮށް މާނަކޮށްފައި ވުމެވެ.
އަނަސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުމުގެ ސަބަބުން ބައެއް ސިޔާސީ ޕާޓީތައް އޮތީ އުވޭ ހިސާބަށް ގޮސްފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީން 23،000 މެމްބަރުން މަދުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ފޯމްތަކުގައި މިއަހަރު ނިމުމުގެ ކުރިން ފިންގާ ޕްރިންޓު ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެންގިތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމް ވިދާޅުވީ 3000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވޭނެ ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވަނީ އަންގާފައި ކަމަށެވެ.