16 Dec 2015, 09:05
ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "އާޝިގީ" ދެ ވަނަ ބައި "އާޝިގީ 2" ނަމުގައި ބެލުންތެރިންނާ ހަމައަށް ގެނެސްދީފައި ވަނީ 2013 ވަނަ އަހަރު އެވެ.
އަދިތްޔާ ރޯއި ކަޕޫރު އަދި ޝްރައްދާ ކަޕޫރު ފެނިގެންދިޔަ އެ ފިލްމަށް ވެސް ވަނީ ބޮލީވުޑް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.
އެ ފިލްމަށް ލިބުނު ތަރުހީބާ އެކު މިހާރު މި ވަނީ އާޝިގީގެ ތިން ވަނަ ފިލްމެއް ވެސް ކުޅެން އުޅޭ ކަމުގެ ހަބަރުތައް ފެތުރިފަ އެވެ.
އެގޮތުން މި ފަހަރުގެެ ފިލްމުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަން އާއި ސޯނަމް ކަޕޫރު ކަމަށް ހަބަރުތައް ބުނެ އެވެ.
އެ ދެތަރިން ވަނީ އާޝިގީގެ ފުރަތަމަ ފިލްމުން މަޝްހޫރުވި ލަވައެއް ކަމަށްވާ "ދީރޭ ދީރޭސޭ"ގެ ރީމޭކް އެއްވެސް ދާދީ ފަހުން ކުޅެފަ އެވެ.
ހަބަރުތައް ބުނާ ގޮތުން ސޯނަމް އާއި ރިތިކް އެކުގައި ފެނިގެންދާ އާޝިގީގެ ތިން ވަނަ ފިލްމުގެ ޑައިރެކްޓަރަކީ އަމިތް ޝަރްމާ އެވެ.
ސޯނަމް އާއި ރިތިކް އެކުގައި އާޝިގީގެ ތިން ވަނަ ފިލްމުން ފެނިގެން ހިނގައްޖެ ނަމަ އެ ފިލްމު ވެގެންދާނީ އެ ދެތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމަށެވެ.