ޗައިނާގެ ޔުންނާން ޕްރޮވިންސްގެ ކުންމިންގްގައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ތެރޭގައި ބާއްވަން ހަމަޖައްސާފައިވާ ސައުތު އޭޝިއާ އެކްސްޕޯގެ "ކަންޓްރީ އޮފް އޯނާ"ގެ މަގާމު ރާއްޖެއަށް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައުތު އޭޝިއާ އެކްސްޕޯ އަކީ ސައުތު އޭޝިއާގެ ގައުމުތަކުގެ އުފެއްދުންތެރި ތަކެތި އެއްތާކުން ވިއްކުމަށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އެކްސްޕޯ އެކެވެ. އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެ އެކްސްޕޯއަށް އަހަރަކު ގާތްގަނޑަކަށް 5 މިލިއަން މީހުން ޒިޔާރަތްކުރެ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ އެ މަގާމު ރާއްޖެއަށް ލިބުމަކީ މިއަހަރުގެ ސައުތު އޭޝިއާ އެކްސްޕޯގައި ރާއްޖެއަށް ކުރިއެރުންތަކެއް ހޯދޭނެ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކަންޓްރީ އޮފް އޯނާގެ މަގާމު ލިބުމުން އެތަނުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ވަރަށް ބޮޑު ޖާގައެއް ލިބޭނެ ކަމަށެވެ. އަދި އެއާޕޯޓުން ފެށިގެން އެކްސްޕޯ އޮންނަ ތަނާ ހަމައަށް "ތީމް ޑެސްޓިނޭޝަން" އެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށެވެ.

މިމަހު 22 ވަނަ ދުވަހު ހުޅުވަން ހަމަޖެހިފައިވާ އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ އެ މައުރަޒުގައި މިއަހަރު ވަރަށް ތަފާތު އުފެއްދުންތައް ފެންނާނެ ކަމަށެވެ. އަދި މައުރަޒުން ފާހަގަކޮށްލެވޭ ފަދަ ތަކެތި ސައުތު އޭޝިއާ އެކްސްޕޯގައި ވިއްކުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.