15 Dec 2015, 17:15
އަންނަ އަހަރަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ހިމެނޭ ބިދޭސީ ޓީޗަރުންގެ އަދަދު ރިކޯޑު އަދަދަކަށް މަދުވާނެ އަހަރެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީ ޑރ. އަބްދުއްމުހުސިން މުހައްމަދު ވިދާޅުވީ، ޓީޗަރުންގެ ގޮތުގައި ތަމްރީނުވެގެން އަންނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެމުންދާ ކަމަށެވެ.
"ދިވެހި ޓީޗަރުންނަށް ހަމަޖައްސަދީފަ، ބާކީ ހުރި ފުރުސަތުތަކަށް ނޫނީ އަޅުގަނޑުމެން ބިދޭސީ ޓީޗަރުންނެއް ނުގެންގުޅޭނަން،" ޑރ. މުހުސިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަންނަ ދިރާސީ އާ އަހަރު ފެށެން ވާއިރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސުކޫލުތަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
"މިހާ ހިސާބަށް އަޅުގަނޑުމެންނަށް ލިބިފައި ހުރި ޓެކްސްޓް ފޮތްތަކުގެ ގާގްގަނޑަކަށް ދެ ބައި ކުޅަ އެއްބައި ސްކޫލްތަކަށް މިހާރު ވަނީ ފޯރުކޮށް ދެވިފައި. އަދި އިތުރު ޝިޕްމެންޓުތައް އެބަ އާދޭ. އެ ޝިޕްމެންޓުތައް ވެސް އަންނަ ވަރަކުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އެ ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާނަން،" ޑރ. މުހުސިން ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެރީނާ އަބްދުއް ސަމަދު ވިދާޅުވީ، މާލޭގެ ސުކޫލްތަކަށް ވަންނަން ބޭނުންވި ހުރިހާ ކުދިންނަށް މާލޭގެ ސުކޫލްތަކުން ޖާގަ ދީފައިވާ ކަމަށެވެ.
"ޖުމްލަ ޕްރީ ސުކޫލްތަކުން ގްރޭޑް އެކަކަށް އަޅުގަނޑުމެންނަށް ވެއްދުނު ކުދިންނާއެއްކޮށް 3200 އެއްހާ ކުދިން މިހާރު އަޅުގަނޑުމެންނަށް ސުކޫލްތަކުން ޖާގަ ދެވިފައި މިވަނީ،" ޝެރީނާ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މި އަހަރަކީ ރާއްޖޭގެ ތައުލީމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައި އަހަރެއް ކަމަށެވެ.
"ކުރިން ރަސްމީ ތައުލީމު މި ފެއްޓެނީ، ގްރޭޑް އެކަކުން ފެށިގެން. ނަމަވެސް ސަރުކާރުން މި ވަނީ ޕްރީ ސްކޫލް ތައުލީމަކީ ރަސްމީ ތައުލީމުގެ ހަރުގަނޑުގައި ހިމަނުއްވާފައި،" ޑރ. ނަޒީރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ސުކޫލުތަކުގައި ވަސީލަތްތައް ހަމަހަމަ ކަމާއެކު ގާއިމު ކުރުމަށް މި އަހަރު ތެރޭގައި 14 ޕްރޮޖެކްޓެއްގެ މަސައްކަތްވެސް ނިންމާފައިވާ ކަމަށެވެ.