ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ޕައިލެޓަކު އެތަނުގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާ އަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ޕައިލެޓު ޢަބްދުލް ޢަޒީމް ލަތީފް ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

އެކަމުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 41 މަހާއި ފަސް ދުވަހުގެ މުސާރަ އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އެ ހުކުމްގައި ވަނީ ޓީއެމްއޭ އަށް އަންގާފައެވެ.

ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އޭނާގެ ވަޒީފާ ހަމަޖެއްސުމަށް ވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.