15 Dec 2015, 15:23
އިންޑިއާ އިން ރާއްޖެ އަށް އާ ސަފީރެއް ކަނޑައަޅައިފި އެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެގައުމުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރަކީ ކެނެޑާގެ ޓޮރޮންޓޯގައި އިންޑިއާގެ ކޮންސަލް ޖެނެރަލްގެ ގޮތުގައި ހުންނެވި އަކިލޭޝް މިޝްރާ ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ވެބްސައިޓްގައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަކިލޭޝް މިޝްރާ އަކީ ޓްރިނިޑާޑް އެންޑް ޓޮބޭގޯއާއި ޑޮމިނިކާއާއި ބޮސްނިއާއާއި ހަންގޭރީގައި ހުންނަވާ އިންޑިއާގެ ސަފީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އިންޑިއާގެ ފޮރިން ސާވިސްއާ ގުޅިވަޑައިގެންފައި ވަނީ 1989 ވަނަ އަހަރު އެވެ.
ރާއްޖޭގައި މިހާރު ހުންނެވި އިންޑިއާގެ ސަފީރު ރާޖީވް ޝަހާރޭ ޑެންމާކްގައި ހުންނަވާ އިންޑިއާގެ ސަފީރުކަމުގެ މަގާމަށް ބަދަލުކުރީ މިދިޔަ އޮގަސްޓް މަހު އެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރުކަމުގެ މަގާމަށް ޝަހާރޭ އައްޔަން ކުރީ 2013 ވަނަ އަހަރު އޭޕްރީލްމަހު އެވެ. އެއީ އޭރު ހުންނެވި ސަފީރު ޑީއެމް މުލޭ އެމެރިކާގެ ނިއުޔޯކްގައި ހުންނަވާ އިންޑިއާގެ ކޮންސަލް ޖެނެރަލްގެ މަގާމަށް ބަދަލުކުރުމަށް ފަހުގައެވެ.