15 Dec 2015, 15:10
ސަރުކާރުގެ ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅެއްވިޔަސް ނުވަތަ ސީދާ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުތަކެއް ކުރެއްވޭ ނަމަ ވެސް އޮންނަ އުސޫލެއްގެ ދަށުން އެކަންކަން ބެލުމަށް ރައީސް ޔާމީން މަރުހަބާ ވިދާޅުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
"ސަން" އާ ވާހަކަފުޅު ދައްކަވަމުން މުއާޒު މިއަދު ވިދާޅުވީ ގާނޫނާއި ގަވާއިދުތައް ނަގަހައްޓައި ދެމެހެއްޓުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން ހެކިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް މީހަކަށް ތުހުމަތުތަކެއް ކުރެވޭ ނަމަ ރާއްޖޭގައި އޮތް ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން އުފައްދާފައިވާ މިނިވަން މުއައްސަސާތަކަށް އެފަދަ މައްސަލަތައް ހުށަހަޅައިގެން ބެލުމުގެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އޮންނާނެ ކަމަށެވެ. މުއާޒު ވިދާޅުވީ އެކަމަކީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން ދުވަހުން ފެށިގެން ތަކުރާރުކޮށް ދައްކަވަމުން އަންނަ ވާހަކަފުޅެއް ކަމަށެވެ.
"ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅަކަށް ވިޔަސް، އާއްމު ރައްޔިތެއް ކަމުގައިވިއަސް އަދި ހުދު އެމަނިކުފާނު [ރައީސް ޔާމީން] އަށް ތުހުމަތުތަކެއް ކުރައްވާ ނަމަ އެ އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ވަޑައިގަތުމަށް އެއީ ރައީސް ޔާމީން އެކަމުގައި ދެކިވަޑައިގަންނަވާ ގޮތް،" މުއާޒު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހަފްލާއަކަށް ވަޑައިގަންނަވަނީ: ފޮޓޯ/ ރައީސް އޮފީސް
އިދިކޮޅު އެމްޑީޕީން ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާއި އެމަނިކުފާނުގެ އާއިލާއާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދާދިފަހުން ވަނީ ހުށަހަޅައިފަ އެވެ.
އެޕާޓީން ހުށަހެޅި ތިން މައްސަލައަކީ އެކަނިވެރި މައިންނަށް ރައީސް ޔާމީންގެ ދެކަނބަލުން ދެއްވަމުން ގެންދަވާ ފައިސާގެ އިނާޔަތްތަކުގެ މައްސަލައާއި ރައީސް ޔާމީންގެ ދަރިކަލުން ސަރުކާރުގެ ޢިމާރާތެއްގެ ދެ ކޮޓަރި ކުއްޔަށް ދޫކޮށްފައިވާ މައްސަލައިގެ އިތުރުން، މިދިޔަ މަހު އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި އެ ސިޓީއަށް ލިބުނު ގެއްލުންތަކަށް ސަރުކާރުން ފޯރުކޮށްދޭ ފައިސާގެ ޢިނާޔަތް ބެއްސެވުމުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އަމަލީ ގޮތުން ސަރުކާރުގެ ޓީމުތަކާ އެކު މަސައްކަތް ކުރައްވާ މައްސަލަ އެވެ.
އެކަމާ ގުޅޭ ގޮތުން މުއާޒު ވިދާޅުވީ އެކަމުގައި އޭސީސީ އަށް ރައީސް ޔާމީން ދެއްވަންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެފަދަ ކަންކަމަކަށް އެއްވެސް ގޮތަކަށް ސަރުކާރަކުން ހުރަހެއް ނާޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުއްވަމުން ގެންދަވާ ތުހުމަތުތަކަކީ އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަންކަން ސާބިތު ކުރެއްވުމަށް ވަޑައިގަންނަވަން ޖެހޭ ހިސާބަށް ވަޑައިގަތުމަކީ އެކަންކަމުގެ އަސްލެއް ނެތްކަން އިތުރަށް ހާމަވެގެންދާނެ ކަމެއް ކަމަށެވެ.
"ކޯޓުތަކަށް ވަޑައިގަންނަވަން ޖެހުނަސް މިނިވަން މުއައްސަސާތަކަށް ވަޑައިގަންނަވަން ޖެހުނަސް ވަޑައިގަންނަވާށޭ ރައީސް ޔާމީން ވިދާޅުވަމުން އެ ދަނީ. ވަޑައިގެން ސާބިތުކޮށްދެއްވާށޭ." މުއާޒު ވިދާޅުވި އެވެ.