15 Dec 2015, 14:58
އައްޑޫ ސިޓީގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ނުފަށައި ސަރުކާރުން ލަސްކުރަމުން ގެންދަނީ އައްޑޫގެ ރައްޔިތުންނާ މެދު ސަރުކާރުން ތަފާތު ކުރާތީ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.
ސަތޭކަ އެނދުގެ ހޮސްޕިޓަލުގެ މަސައްކަތަށް ވުރެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކަންދޭ ކަމަށް ސަރުކާރުން ބުނުމުން މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ މަސައްކަތަށް ހިނގާނެ ޚަރަދުގެ ބޮޑު ބައެއް ބޭރުގެ އެހީގެ ގޮތުގައި ލިބިފައިވާ އިރު އެ މަސައްކަތް ލަސްވާން ޖެހޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅެނީ ކަމަށް ބެލެވޭނީ، އިތުރު އެހެން ސަބަބެއް ދަންނަވާކަށް ނޭނގޭ،"
އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ
ޝަރީފް ވިދާޅުވީ އައްޑޫ ހޮސްޕިޓަލުގެ މަސައްކަތް ނުފެށި ލަސްވުމަކީ ގައުމީ މައްސަލައެއް ކަމަށާއި އަދި ގައުމީ ކަމެއް އެމްޑީޕީ އިން ސިޔާސީ ނުކުރާނެ ކަމަށާއި އެ މަސައްކަތުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ސަރުކާރަށް ދަންނަވާލަން ބޭނުންވަނީ މިހާރުގެ ހޮސްޕިޓަލް މަރާމާތު ކުރައްވަމުން ގެންދަވާށޭ ހިދުމަތްތައް ރަނގަޅު ކުރައްވަމުން ގެންދަވާށޭ. އެހެން ނަމަވެސް މި ހޮސްޕިޓަލް ވެސް އެޅުއްވުމަށް ބަޖެޓު ކުރެވިފައި އޮތް ގޮތަށް ކުރިއަށް ގެންދަވާށޭ." ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖައްސާލީ ބަޖެޓުގެ ޑެފިސިޓް ކުޑަ ކުރުމަށް ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، ހޮސްޕިޓަލް އެޅިއަސް، ބަޖެޓް ޑެފިސިޓަށް ބަދަލެއް ނާންނާނެ ކަމަށެވެ.
މިއީ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢަކަށްވާ އިރު، ހޮސްޕިޓަލަށް ފަންޑު ލިބިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެ މަޝްރޫއު އަށް ބޭރުގެ އެހީގެ ގޮތުގައި 58 މިލިއަން ޑޮލަރު ބިފައިވާ ކަމަށެވެ.
ޝަރީފްގެ އިތުރުން އެމްޑީޕީގެ ސެކްރެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވެސް ވިދާޅުވީ ހޮސްޕިޓަލުގެ މަސައްކަތް ލަސްވެގެން ދިއުމަކީ ރައްޔިތުންގެ މެދުގައި ސަރުކާރުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ހުޅުމާލޭގައި ހޮސްޕިޓަލެއް ހުއްޓައި އިތުރު ހޮސްޕިޓަލެއް އެ އަވަށުގައި އެޅުމަކީ އެކަމުގެ މިސާލެއް ކަމަށެވެ.