މާބަނޑު ދުވަސްވަރު އެންޓިޑިޕްރެސެންޓް ބޭސް ބޭނުން ކުރުމުން ބަނޑުގައި އޮންނަ ދަރިފުޅަށް އޯޓިޒަމް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ކެނެޑާގެ މޮންޓްރިއަލް ޔުނިވާސިޓީއިން ހެދި އާ ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް މޮންޓްރިއަލް އިން 145،000 މާބަނޑު އަންހެނުން ހިމަނައިގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެންޓިޑިޕްރެސެންޓް ބޭސް ބޭނުން ކުރުމުން ބަނޑުގައި އޮންނަ ދަރިފުޅަށް އޯޓިޒަމް ޖެހުމުގެ ނުރައްކާ ދެގުނައަށް އިތުރުވެ އެވެ.

ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަންގައި ޗާޕުކޮށްފައިވާ އެ ދިރާސާގައި ބައިވެރިވީ އެންޓިޑިޕްރެސެންޓްސް ބޭނުން ކުރާ މާބަނޑުއަންހެނުންނާއި އެބޭސް ބޭނުންނުކުރާ މާބަނޑުއަންހެނުންނެވެ. ބޭސް ބޭނުން ކުރާ ގްރޫޕުގައި ހިމެނުނީ ދެވަނަ ނުވަތަ ތިން ވަނަ ޓްރައިމެސްޓާގައި މަދުވެގެން އެއް ފަހަރު އެންޓިޑިޕްރެސެންޓްސް ބޭނުންކޮށްފައި ތިބި އަންހެނުންނެވެ.

އެދިރާސާގައި ބައިވެރިވި އަންހެނުން ވިހެއި ވަގުތުން ފެށިގެން، ވިހެއި ކުދިންނަށް 10 އަހަރު ވަންދެން، ދިރާސާކުރި ފަރާތްތަކުން އެކުދިން މޮނީޓާ ކޮށްފައިވެ އެވެ. އޭގެ ތެރެއިން 1،045 ކުދިންނަށް އޯޓިޒަމް ހުރި ކަމަށް ޑޮކްޓަރުން ޔަގީންކޮށްދީފައިވެ އެވެ. އެކުދިންގެ ތެރޭގައި ގިނައީ މަންމަ އެންޓިޑިޕްރެސެންޓްސް ބޭނުންކުރި ކުދިންނެވެ.

"ދެވަނަ ނުވަތަ ތިން ވަނަ ޓްރައިމެސްޓާގައި މާބަނޑު އަންހެނުން އެންޓިޑިޕްރެސެންޓްސް ބޭނުން ކުރުމުން ދަރިފުޅަށް އޯޓިޒަމް ޖެހުމުގެ ނުރައްކާ ދެގުނައާއި ގާތްކުރާ ވަރަށް އިތުރު ވާކަން އަޅުގަނޑުމެންގެ ދިރާސާ އިން ދައްކާ. ހާއްސަކޮށް ސެލެކްޓިވް ސެރޮޓޯނިން ރީއަޕްޓޭކް އިންހިބިޓާސް ނުވަތަ އެސްއެސްއާރްއައިސް ބޭނުން ކުރާނަމަ އެ ނުރައްކާ ބޮޑު،" މޮންޓްރިއަލް ޔުނިވާސިޓީގެ ޕްރޮފެސާ އެނިކް ބެރާޑް ވިދާޅުވި އެވެ.

ސެލެކްޓިވް ސެރޮޓޯނިން ރީއަޕްޓޭކް އިންހިބިޓާސް ނުވަތަ އެސްއެސްއާރްއައިސް އަކީ ޑިޕްރެޝަން ހުންނަ ފަރާތްތަކަށް އާއްމުކޮށް ދޭ ބޭހެކެވެ. އެސްއެސްއާރުއައިސްގެ ތެރޭގައި ޕްރޯޒެކް، ޒޯލޮފްޓް އަދި ޕްރެކްސިލް ހިމެނެ އެވެ. އެސްއެސްއާރްއައިސް މަސައްކަތްކުރަނީ ސިކުނޑީގައި ހުންނަ ސެރޮޓޯނިންގެ ބެލެންސަށް ތަފާތުތައް ގެނެސްގެންނެވެ. އެހެން ކަމުން ތުއްތުކުއްޖާގެ ސިކުނޑި އާލާ ވަމުން އަންނަ ދުވަސްވަރު އެފަދަ ބޭހެއް ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫންކަން އެދިރާސާއިން ދައްކަ އެވެ.

[އެސްއެސްއާރްއައިސް] ފަދަ ބޭސްތައް ބޭނުންކުރުމުގެ ސަބަބުން ބަނޑުގައި އޮންނަ ކުއްޖާގެ ސިކުނޑި އާލާވުމަށް ނޭދެވޭ އަސަރު ކުރާނެ. ސެރޮޓޯނިން އަކީ ކުއްޖާ ބަނޑުގައި އޮންނައިރާއި އުފަންވުމަށްފަހު ވެސް، ކުއްޖާގެ ހެދިބޮޑުވުމުގައި އިސް ދައުރެއް އަދާ ކުރާ މާއްދާއެއް ކަމުން، ބަނޑުގައި އޮންނަ ތުއްތު ކުއްޖާގެ ސިކުނޑި އާލާ ވަމުން ދާ އިރު އެންޓިޑިޕްރެސެންޓްސް ބޭނުން ކުރުމަކީ އެކުއްޖާއަށް އޯޓިޒަމް ޖެހުމަށް މަގުފަހި ވާނެ ކަމެއް ކަން ބައޮލޮޖިކަލީ ގަބޫލުކުރެވޭ،" ޕްރޮފެސާ ބެރާޑް ވިދާޅުވި އެވެ.

ނަވާރަސަތޭކަފަސްދޮޅަސްފަހެއްގައިގައި ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ކޮންމެ 10،000 ކުދިންގެ ތެރެއިން ހަތަރު ކުދިންނަކީ އޯޓިސްޓިކް ކުދިންނެވެ. ނަމަވެސް، މިހާރު ކޮންމެ 10،000 ކުދިންގެ ތެރެއިން 100 ކުދިންނަކީ އޯޓިސްޓިކް ކުދިންނެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން ލަފާކުރާ ގޮތުގައި 2020 އަންނަންވާއިރަށް އެބަލި ޖެހުމުން ދެވަނަ އަށް އެންމެ ގިނައިން މީހުން މަރުވާނެ ބައްޔަކީ ޑިޕްރެޝަން އެވެ. އެހެން ކަމުން، އެންޓިޑިޕްރެސެންޓްސް ބޭނުން ކުރާ މީހުންގެ މިންވަރު ވެސް ދާނީ އިތުރުވަމުންނެވެ.

"އެންޓިޑިޕްރެސެންޓްސް ފަދަ ގިނަ ބަޔަކު ބޭނުން ކުރާ ބޭސްތަކުން ދިމާވާ މައްސަލަތައް އާއްމުންނަށް އެނގުމަކީ މުހިންމު ކަމެއް،" ޕްރޮފެސާ ބެރާޑް ވިދާޅުވި އެވެ.