ފިރިމީހާ އަނިޔާކޮށްގެން ޖިންސީ އަނިޔާތަކެއް ލިބުނު ގދ. ތިނަދޫގެ އަންހެން މީހާއަށް އިންސާފު ހޯދައިދޭނެ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަންހެނަމީހާއަށް އަނިޔާކުރި މައްސަލަ ކުއްވެރި ކުރާ ކަމަށާއި އެމައްސަލައިގައި އިންސާފު ހޯދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ފިރިމީހާ ކުރި އަނިޔާއަތކުގެ ސަބަބުން ހާލުދެރަވެ އަންހެން މީހާ އަންނަީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުންނެވެ. އައިޖީއެމްއެޗުން ބުނީ އޭނާ ނޭވާލަނީ މެޝިނުގެ އެހީގައި ކަމަށާއި، ހާލު ސީރިއަސް ކަމަށެވެ.

ނަން ހާމަނުކުރުމަށް އެދި 'ސަން' އަށް މައުލޫމާތުދިން މީހަކު ކިޔައިދިން ގޮތުން ދެމަފިރިން ދޭތެރޭގައި ޖެހުނު މައްސަލައެއްގައި އަންހެން މީހާ ގެއިން ނުކުމެ އާއިލާއާއެކު ދިރިއުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލައެއް ފެމެލީ ޕްރޮޓެކްޝަން އޮތީރިޓީ އިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރީ އެމައްސަލައިގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެއީ 40 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެނގިފައިވާ ގޮތުން އެމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އިބްރާހިމް ޝާހު ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ބަންދަށް ތިިނަދޫ ކޯޓުން އިއްޔެ ވަނީ ހަތް ދުވަސް ޖަހާފަ އެވެ.