11 Apr 2011, 01:47
ޑޮލަރު ވިއްކާ ރޭޓަށް ސަރުކާރުން ގެނައި ބަދަލު، ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅަން އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރްޕީން ނިންމައިފި އެވެ.
ޑޮލަރު މިހާތަނަށް ވިއްކަމުން އައި ރަސްމީ ރޭޓް، 12.85ރ. އަށް 20 ޕަސެންޓް އިތުރުކޮށް، ޑޮލަރެއްގެ އަގު 15.42ރ. އަށް ސަރުކާރުން މިއަދު ބޮޑު ކުރުމުން އެކަމުގައި ޑީއާރްޕީ ކޯލިޝަންއިން އަޅާނެ ފިޔަވަޅު ތަކާއި ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު މިރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ވައްދަނީ އެއްވެސް މަޝްވަރާކުރުމެއްނެތި ސަރުކާރުން ޑޮލަރުގެ އަގަށް ބަދަލު ގެނެސްފައިވާތީ އެކަމުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެމ އަތްމަތި ދަތިވާނެތީ ކަމަށެވެ.
"އަޅުގަނޑުމެން މި އިސްނެގީ މި މައްސަލަ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ވައްދަން. އަޅުގަނޑުމެންނަށް ދެން ބަލަން ތިބެވޭކަށް ނެތް. ރައްޔިތުމީހާގެ އަތް މަތި ދަތި ވެއްޖެ. ތަކެތި އަތް ނުފޯރާ ފަށައް އަރަނީ. ބޭރުގައި ކިޔަވާ ކުދިން ހަދާނެ ގޮތް ހުސްވެފައި. އަޅުގަނޑުމެންނަށް މަޑުން ތިބެވިއްޖެ ކަންތައް ރަނގަޅަށް ކުރޭތޯ ބަލަން. އެކަމަކު ނަތީޖާ ނިކުތް ގޮތަކީ މިއީ،" އަލީ ވަހީދު ވިދާޅުވި އެވެ.
ޑީއާރްޕީ އާއެކު ދާދިފަހުން ކޯލިޝަން ހެދި ގައުމީ ޕާޓީން ވެސް ބައިވެރިވި އެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދު ﷲ އަމީން ވިދާޅުވީ ސަރުކާރުން ޑޮލަރުގެ އަގަށް ގެނައި ބަދަލާއެކު، ހޭދަކުރާ މިންވަރު 20 ޕަސެންޓަށް ދައްވެ މީހުންގެ މުސާރައިން ވެސް 20 ޕަސެންޓް ދައްވާނެ ކަމަށެވެ.
"މީގެ އިތުރުން މުސާރަ ކޮޅު ކުޑަވެގެން ދާނެ ޕެންޝަން ސްކީމްގެ ސަބަބުން ވެސް. މިކަހަލަ ދަނޑިވަޅެއްގައި މި ފިޔަވަޅު މި އެޅީ. މިދައްކަނީ މުސާރަ ކުޑަވާ ވާހަކަ. އަތްމަތި ދަތިވާ ވާހަކަ. އަޅުގަނޑުމެންނަށް މިއަދު މީގެ ގެއްލުން ނުފެނިދާނެ. އެންމެ ކައިރިން ވެސް މީގެ ދެތިން މަސްފަހުން މީގެ ގެއްލުން ފެންނަން ފަށާނީ،" އަމީން ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލައިގާ ޑީއާރްޕީ ކޯލިޝަނުން އިސް ނަގައިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައި ވާކަމަށް ޑީއާރްޕީ ބުންޏެވެ. އެގޮތުން އަންނަ އަންގާރަ ދުވަހުގެ ރޭ މަޖީދީމަގުގައި މުޒާހަރާ ކުރާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. މީގެ އިތުރުން ވިޔަފާރިވެރިންނާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފައި ވާކަމަށް ވެސް ޑީއާރުޕީން ބުންޏެވެ.