15 Dec 2015, 17:40
ހިދުމަތް ދިނުމުގައި ސިވިލްސާވަންޓުންގެ އަސާސްއަކަށް ވާންވާނީ ސާފު ދިވެހި ބަހުން މުއާމަލާތް ކުރުން ކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގައި ބޭއްވި ސިވިލް ސާވިސް އިންސްޓިޓިއުޓްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އަޝްރަފް މިއަދު ވިދާޅުވީ، މުއާމަލާތު ކުރުމުގައްޔާއި ލިޔެކިޔުމުގައި ދިވެހި ބަސް ބޭނުން ނުކޮށްފިނަމަ ގައުމީ ހިތާމައަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
"އަޅުގަނޑު މިއަދު ތިޔަ ހުރިހާ ފަރާތްތަކަށް މި ގޮވާލަނީ ރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނުގައި ބަޔާންވެގެންވާ ފަދައިން ދިވެހިންނާއި ކުރާ މުއާމަލާތްތައް ސާފު ދިވެހި ބަހުން ކުރެއްވުމަށް،" އަޝްރަފު ވިދާޅުވި އެވެ.
ސިވިލް ސާވިސް އިންސްޓިޓިއުޓް އިން ހިންގި އެކިއެކި ކޯސްތަކުން ސަނަދު ހާސިލް ކުރި ދަސްވެނިންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އަޝްރަފް ވިދާޅުވީ ދަސްވެނިންނަށް ކޯސްތަކުން އެނގުނު އެއްޗެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީ ގައުމަށް ހިދުމަތް ކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޓްގެ ނިއުސް ލެޓާ ކަމަށްވާ "ޓްރެއިއިންގެ ބަޒް"ގެ ހާއްސަ ބައެއް ވެސް ނެރެދެއްވާފަ އެވެ. އެ ފޮތް ނެރެދެއްވީ ސީއެސީގެ ރައީސް އަލީ ޝަމީމް އެވެ.
ސިވިލް ސާވިސް އިންސްޓިޓިއުޓް ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަންފޮޓޯ: ފަޔާޒް މޫސާ
ފޮތް ނެރެދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ، ހިދުމަތް ފޯރުކޮށްދިނުމުގައި ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަ ކުވެސް ހެޔޮ ވިސްނުން ގެންގުޅެން ޖެހޭނެ ކަމަށެވެ.
"ކިތަންމެ މަތި މައްޗަށް ތައުލީމު ހާސިލް ކުރި ކަމުގައި ވިއަސް، އަދި ގާބިލް މީހަކަށް ވިއަސް އެމީހާގެ ހަށިގަނޑު ތެރެއިން ހިތާ ސިކުނޑިން ހެޔޮ ވިސްނުމުގެ ކަންތައް ނުދެކޭނަމަ އެމީހަކަށް ހިދުމަތް ދިނުމުގައި އަދި ކަންކަން ރާވައި ހިންގުމުގައި ފަހި ކަންކަންމެއް ކުރިމަތި ވެގެނެއް ނާންނާނެ،" ޝަމީމް ވިދާޅުވިއެވެ.
ސިވިލް ސާވިސް އިންސްޓިޓިއުޓް ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަންފޮޓޯ: ފަޔާޒް މޫސާ
ސިވިލް ސާވިސް އިންސްޓިޓިއުޓް އިން ހިންގި އެކިއެކި ކޯސްތަކުން ސަނަދު ހާސިލް ކުރި 82 ފަރާތަކަށް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސަނަދު ހަވާލުކޮށްފައެވެ.