15 Dec 2015, 12:25
ގާނޫނީ ވަކީލު އަހްމަދު ނަޖީބު މަރާލުމުގެ ކުށުގައި މ. މަސްރޫރާ އަހްމަދު މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރި މައްސަލަ ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާކޮށްފި އެވެ.
ނަޖީބު މަރާލި މައްސަލާގައި މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން މިއަދު ތާއީދުކޮށް ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ މުއްރަތު މެރުމަށް 2012 ވަނަ އަހަރު ހައިކޯޓުން ކުރި ހުކުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތްކަން މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންނަށް ވެސް އެއްވެސް ހިލާފެއް ނެތި އެއްބަސްވެވޭ ކަމަށެވެ.
އެ މައްސަލަ އިސްތިއުނާފު ކުރީ ސުޕުރީމު ކޯޓުން ނެރުނު ސާކިއުލާގެ ދަށުން ޕްރޮސެކިއުޓަރު ޖެނެރަލްގެ ފަރާތުންނެވެ. އެސާކިއުލާގައިވާ ގޮތުން ހުކުމް ތަންފީޒު ކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކަށަވަރުކުރަން ޖެހޭ މައްސަލަތަކުގައި އިސްތިއުނާފު ކުރަން ދީފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކޮށްފި ނަމަ ޕީޖީގެ ފަރާތުން އިސްތިއުނާފު ކުރަން ޖެހޭނެ އެވެ.
ޕީޖީގެ ފަރާތުން އެ މައްސަލަ ސުޕުރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މުއްރަތުގެ ފަރާތުން މައްސަލަ އިސްތިއުނާފުކުރަން ލިބުނު 10 ދުވަހުގެ މުއްދަތުގައި އިސްތިއުނާފު ނުކުރުމުންނެވެ.
ނަޖީބު އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މުއްރަތާ އެކު އޭނާގެ ކުރީގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ މެރުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭނާ ވެސް ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލާގައި ދެން އޮއްނާނީ އެންމެ ފަހުގެ އަޑުއެހުމެވެ.