ފުލުހުން ތަހުގީގު ކުރަމުންދާ އެއްވެސް މައްސަލައަކާ ގުޅިގެން ބޭންކް ދޫކޮށްފައިވާ ކާޑެއްގެ މައުލޫމާތު ހޯދުމަށް ފުލުހުންގެ ނަމުގައި ބަޔަކު މީހުން އާއްމު ރައްޔިތުންނަށް ގުޅަމުންދާ ކަމަށާއި އެފަދަ ކަމެއް ފުލުހުން ނުކުރާނެ ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ލިޔުމެއްގައި ފުލުހުން މިއަދު ބުނީ އެފަދަ ކަމަކީ ބަޔަކު މީހުން އޮޅުވާލައިގެން ކުރަމުންދާ ކަމެއް ކަމަށާއި އެކަމަށް އާއްމު ރައްޔިތުން ސަމާލުވެތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

"މިގޮތުން ނުދަންނަ ނަމްބަރުތަކުން ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދަން މަސައްކަތްކުރާ ބައެއް މީހުން ދަނީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ އެނޫންވެސް އެހެނިހެން ބައެއް ޑިޕާޓްމަންޓުގެ ނަމުގައި އަދި ޕޮލިސްސްޓޭޝަންތަކުގެ ނަމުގައި ރައްޔިތުންނަށް ގުޅަމުންނެވެ." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެގޮތަށް ގުޅާ ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެބޭފުޅެއްގެ އެކައުންޓުގެ މައުލޫމާތު ހޯދަން ނޫނީ ކާޑުގައިވާ ނަމްބަރުތައް ހޯދަން ބޭނުންވާކަމަށް ބުނަމުން އަންނަ ކަމަށެވެ. އަދި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަން މަސައްކަތްކޮށްފައި ހުރިކަން ފުލުހުންނަށް ހުށަހެޅޭ މައްސަލަތުން އެނގެން ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ފުލުހުން ތަޙުޤީޤު ބޭނުންމަށް އެއްކުރާ އެފަދަ މަޢުލޫމާތު ހޯދާނީ އެކަމަށް ބޭނުންވާ މީހަކު ފުލުހުންގެ އިދާރާއަށް ނޫނީ ފުލުހުންގެ މަރުކަޒަކަށް ހާޒިރުކޮށްގެންނެވެ. އެހެންކަމުން ފުލުހުންގެ އެއްވެސް ޑިޕާޓްމަންޓަކުން ނޫނީ އެއްވެސް ޕޮލިސް ސްޓޭޝަނެއްގެ ނަމުގައި އެއްވެސް ރައްޔިތަކަށް ގުޅައިގެން އެމީހެއްގެ އެކައުންޓް ނަމްބަރު ނޫނީ ކަޑުގައިވާ މަޢުލޫމާތު ހޯދަން ނޭދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ފުލުހުން ބުންޏެވެ.

ދާދިފަހުން ރާއްޖޭގެ ބޮޑު ތިން ކުންފުންޏަކާއި ފުލުހުންނާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނިތަކުގެ އިސްވެރިން ވިދާޅުވީ އެއްވެސް ކުންފުންޏަކުން އާއްމު ރައްޔިތުންގެ އަތުން ފައިސާ ހޯދުމަށް ޕްރޮމޯޝަނެއް ކުރިއަކަށް ނުގެންދާނެ ކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވުމަށް އެދޭ ކަމަށެވެ.

އެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ އެފަދަ ގޮތް ގޮތަށް އާއްމުންނަށް ގުޅަމުންދާ ފަރާތްތަކުގެ ނަންބަރު ބުލޮކް ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. ނަވާޒު ވިދާޅުވީ އެފަދަ މައްސަލަތަކަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް ކަމަށާއި އަދި ވަރަށް ގިނަ މައުލޫމާތުތަކެއް އެއް ކުރަން ޖެހޭ މައްސަލަތަކެއް ކަމަށެވެ.