15 Dec 2015, 11:49
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ވަޒީފާ އިން ވަކިކުރި މީހަކަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ މިގޮތަށް ހުކުމް ކޮށްފައި ވަނީ، އެސްޓީއޯގައި މާސްޓާއެއްގެ ވަޒީފާގައި ހުރި ދަފްތަރު ނަންބަރު 4670 / މާލެ ، މުހައްމަދު ނަސީރު ވަޒީފާ އިން ވަކި ކުރި މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށްފަހު އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު މުހައްމަދު ނަސީރު ވަޒީފާ އިން ވަކިކުރީ ވަޒީފާ އާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށް ކަން، ހުށަހެޅިފައިވާ ލިޔުންތަކާއި ޝަރީޢަތުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން ސާބިތުވާ ކަމަށެވެ.
މުހައްމަދު ނަސީރު ވަޒީފާ އިން ވަކި ކުރުމުގެ ސަބަބުން އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާ ވަޒީފާ އިން ވަކިކޮށްފައި ހުރި 12 މަހާއި 8 ދުވަހުގެ މުސާރައަށް ވާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އޭގެ އިތުރުން، މުހައްމަދު ނަސީރަކީ ވަޒީފާ އިން ވަަކިކުރެވިފައިވާ މީހެއް ކަމުގައި ނުބެލުމަށާއި 15 ދުވަހުގެ ތެރޭގައި އޭނާ ކުރިން އަދާކުރަމުން ދިޔަ ވަޒިފާ ނުވަތަ އެ ވަޒީފާއާ އެއްވަރުގެ ވަޒީފާއެއް މަގާމުގެ ކުރިއެރުން ހައްގުވާ ނަމަ، މަގާމުގެ ކުރިއެރުމާ އެކު އޭނާއަށް ހަމަޖެއްސުމަށް ވެސް ވަނީ އަންގައިފަ އެވެ.