ނިއުޒިލެންޑުގެ ގައުމީ ދިދައާ ވާދަކުރުމަށް ދިދައެއް ހޮވުމަށް ފަސް ދިދައިގެ މެދުގައި ވޯޓުލައިގެން ދިދައެއް ފައިނަލްކޮށްފި އެވެ.

ފަސް ދިދައިގެ މެދުގައި ވޯޓުލައިގެން އެ ގައުމުގެ ރައްޔިތުންގެ ތާއީދު އެންމެބޮޑަށް ލިބުނީ ކަޅާއި ނޫކުލައިގެ ދިދައިގައި ހުދުކުލައިގެ ފަތްކޯޅި އިން ޑިޒައިނެވެ. އެ ޑިޒައިން ތައްޔާރުކޮށްފައި ވަނީ ކައިލް ލުކްވުޑް އެވެ.

ޥޯޓުލި ފަސް ދިދަ --

ނިއުޒިލެންޑުގެ މިހާރުގެ ދިދައާ ވާދަކުރަން ދިދައެއް ހޮވުމަށް ބޭއްވި ވޯޓުލުމުގައި 48.78 ޕަސެންޓް މީހުން ވޯޓުލާފައިވެ އެވެ. ހޮވުނު ދިދައިގެ ޑިޒައިން ތައްޔާރު ކުރި ކައިލް ބުނެފައި ވަނީ އޭނާގެ ޑިޒައިން ހޮވުމުން ލިބުނީ ހައިރާނެ ކަމެއް ކަމަށެވެ.

"ދިދަ ހޮވުމުން ހައިރާންވި. މަސައްކަތް ނިންމާފައި ގެއަށް ދަމުން ފޯނުން ބަލާލީމަ އެނގުނީ. ގަބޫލުކުރަންވެސް ދަތިވި،" ކައިލް ބުންޏެވެ.

ނިއުޒިލެންޑުގެ މިހާރުގެ ދިދަ: ދިދަ ބަދަލުކުރުމާ މެދު މާޗު މަހު ގޮތެއް ނިންމާނެ--

ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ތަރުޖަމާނު ޖޯން ކީ ވިދާޅުވީ ދިދަ ބަދަލު ކުރުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުން ރައްޔިތުންގެ ނިންމުން އެނގިގެންދާނެ ކަމަށާއި އެވޯޓުގައި ހުރިހާ ފަރާތަކުން ވެސް ބައިވެރިވުމަށް އެދޭ ކަމަށެވެ.

"ނިއުޒިލެންޑުގެ ރައްޔިތުންނަށް މިހާރު އެބައޮތް އިހްތިޔާރު. ކުރީގެ ދިދަ ބަދަލު ކުރާނީތޯ ނުވަތަ އެ ދިދަ ބަހައްޓާނީތޯ،" ޖޯން ކީ ވިދާޅުވި އެވެ.

ހޮވުނު ދިދައާ އެންމެ ކައިރިން ވާދަ ކުރި ދިދަ --

އެންމެ ގިނަ ވޯޓު ލިބުނު ދިދައާ އެންމެ ކައިރި ކުރީ ހަމަ އެޑިޒައިނަށް ހަދާފައި އިން ނަމަވެސް ކަޅު ކުލައިގެ ބަދަލުގައި ރަތްކުލަ އިން ޑިޒައިނެކެވެ.

މިހާރުގެ ދިދަ ބަދަލު ކުރަން ވޯޓަކަށް އަހާފައި މިވަނީ އެގައުމުގެ މިހާރުގެ ދިދައާއި އޮސްޓްރޭލިއާގެ ދިދައާ މާބޮޑަށް އެއްގޮތްވުމުންނެވެ. ދެވަނަ ބުރުގެ ފެންނަ ނުފެންނަ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެށޭ އަހަރުގެ މާޗު މަހު އެވެ.