ހއ. އަތޮޅު ކައުންސިލާއި އެ އަތޮޅު ކެލާ ކައުންސިލްގެ ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާގައި އެއްވެސް ތަފާތެއް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިދިއަ ހޮނިހިރު ދުވަހު ކެލާގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގެ ރަސްމީ ނަތީޖާ އިން ދައްކާ ގޮތުގައި ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ހއ. އަތޮޅު ކައުންސިލްގައި ހިމެނޭ ދެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޑީއާރުޕީގެ ދެ މެންބަރުން ކަމުގައިވާ ކެލާ ސަންސަންގޭ މުހައްމަދު ފަޔާޒާއި އެރަށު ގާދޫ އާދަމް ތަހްޒީމެވެ.

ރަސްމީ ނަތީޖާ ދައްކާ ގޮތުގައި ކެލާ ރަށު ކައުންސިލްގެ ހަތަރު ގޮނޑި ކާމިޔާބުކޮށްފައިވާ އެމްޑީޕީގެ ހަތަރު މެންބަރުންނަކީ ހއ. ކެލާ ޗަމަން އަލީ ޝަރީފާއި އެރަށު ރޭއަލިވާގޭ އަބްދުﷲ ޒުބައިރާއި ހަމައެރަށު ދިއްގާމާގޭ ހައުލަތު މާހިރާ އަދި ކެލާ އަސްދޫ ހަސަން މަމްދޫހެވެ. އަނެއް ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޑީއާރުޕީގެ މެންބަރު ކެލާ ސަބުދެލިގޭ އާދަމް އަސްއަދެވެ.

އިލެކްޝަންސް ކޮމިޝަންގެ އެގްޒެކެޓިވް ޑައިރެކްޓަރު އިސްމާއިލް ހަބީބް ވިދާޅުވީ މިފަހަރު ކެލާގައި ބޭއްވި އިންތިޙާބްގެ ކަންތައްތައް ދިޔައީ ވަރަށް އަމާން ކަމާއެކުގައި ކަމަށެވެ.

ކެލާ ދާއިރާގެ އިންތިހާބް ދެ ވަނަ ފަހަރަށް ބާއްވާފައި މިވަނީ 05 ފެބްރުއަރީ 2011 ގައި ބޭއްވި އިންތިހާބްގައި ގިނަ ބަޔެއްގެ ވޯޓުލުމުގެ ހައްގު ގެއްލިފައިވާ ކަމަށް ބުނެ އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. އެމައްސަލާގައި އަލުން ކެލާގައި ވޯޓު ނެގުމަށް ހައިކޯޓުން އަމުރުކުރިއިރު، ކެލާ ރަށު ކައުންސިލްގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ގެންގޮސްފައިވަނީ ވާދަވެރި ޑީއާރްޕީ އެވެ.