15 Dec 2015, 17:01
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ 1-2 ގެ ނަތީޖާއަކުން ބަލިކޮށް ލެސްޓާ ސިޓީ ލީގުގެ އެއްވަނަ މަގާމަށް އަނެއްކާ ވެސް ޖެހިލައިފި އެވެ.
ރޭގެ މޮޅަށް ފަހު ލެސްޓާ އެއް ވަނާގައި އޮތީ 16 މެޗުން 35 ޕޮއިންޓާއެކު އެވެ. ދެ ވަނާގައި އާސެނަލް އޮތީ 16 މެޗުން 33 ޕޮއިންޓާއެކު އެވެ. މެންޗެސްޓާ ސިޓީ ތިން ވަނާގައި 32 ޕޮއިންޓާއެކު އޮތްއިރު، ހަތަރު ވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 29 ޕޮއިންޓެވެ.
ލެސްޓާ ގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ޗެލްސީގެ މައްޗަށް ލެސްޓާ ކުރި ހޯދީ 1-2 ގެ ނަތީޖާއިންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ލެސްޓާ ސިޓީ ކުޅުނު މެޗްގައި ކޯސްޓާގެ ޖާޒީގައި ލެސްޓާ ގެ ކުޅުންތެރިއަކު ހިފަހައްޓައިގެން --- ފޮޓޯ: އޭޕީ
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑު ނެގީ ލެސްޓާއިންނެވެ. ފުރަތަމަ ހާފްގެ 34 ވަނަ މިނެޓުގައި ލެސްޓާއަށް ލީޑުނަގައިދިން ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ރިޔާދް މަހްރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ޖޭމީ ވާޑީއެވެ. މިއީ ވާޑީ މިފަހަރު ލީގުގައި ޖެހި 15 ވަަނަ ލަނޑެވެ.
ދެވަނަ ހާފަގެ ކުރީ ކޮޅު ލެސްޓާއިން ވަނީ އެޓީމުގެ ދެވަނަ ލަނޑުޖަހާ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މެޗުގެ 48 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިން ރިޔާދް މަހްރޭޒް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ލެސްޓާ ސިޓީ ކުޅުނު މެޗްގައި ލެސްޓާ ގެ ދެ ވަނަ ލަނޑު ޖެހުމަށް ފަހު އެ ޓީމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
އެ މެޗުގައި ޗެލްސީގެ ޑިއޭގޯ ކޮސްޓާ އާއި އިވަނޮވިޗަށް ލަނޑު ޖަހަން ހުސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު މެޗު ނިމެން 15 މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ދެވަނަ ހާފްގައި އޮސްކާ ގެ ބަދަލުގައި ކުޅެން ނިކުއިން ލޮއިކް ރެމީ އެވެ.